އިނގިރޭސި އަމިރު ހެރީ، އަފްޣާނިސްތާނުގެ 25 މުސްލިމުން މެރިކަމަށް ބުނެ ފޮނި ކެނޑި މައްސަލާގައި އޭނާއާ ދެކޮޅަށް އަދިވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އަފްޣާނިސްތާންގެ ހިޒްބު އިސްލާމީގެ ލީޑަރު ގުލްބުއްދީން ހިކްމަތިޔާރު ވިދާޅުވަނީ ޕްރިންސް ހެރީ އަމަލުކޮށްފައި ވަނީ "ހެރީ އެއީ މީހުން މަރަން ދެވި ހިފާއި އޮތް ސިންގާއެއް" ހެންނެވެ.

"އައީ މައުސޫމް އަފްޣާނު މީހުން ޝިކާރަ ކުރަން އައި މީހެއް. ހެލްމަދުގައި ހިންގާފައިވާ ޖަރީމާތަކަކީ އިންސާނިއްޔަތު ލަދުގަންނަވަރުގެ ކަންކަން. ހިތާމަ ހުރި ކަމަކީ އޭނާ އެކަންކަން ފާހަގަ ކޮށް ފޮނިކަނޑާކަން" ޙިކުމަތުޔާރު ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ މިހާރުގެ ތާލިބާނުންގެ ސަރުކާރުން ވަނީ ހެރީގެ ޑައިރީ "ސްޕެއަރ" ގައި އެ ބުނާ މުއްދަތުގައި ހެލްމަންދުގައި އެމީހުން އޮޕަރޭޝަނެއް ހިންގާފައިވޭތޯ ތަހުގީގުކޮށްފައެވެ.

ތާލިބާން އޮފިޝަލުން ބުނާ ގޮތުގައި އަސްކަރީ ކޮމިޓީން އެ ހާދިސާތައް މުރާޖައާ ކުރިއިރު، އޭރު އިނގިރޭސި ސިފައިން އިއުލާން ކުރިގޮތާ ޚިލާފަށް އެމީހުން ހެލްމަންދުގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގެ ޖަރީމާތަކުގެ ބައިނަލްއަގްވާމީ ތަހުގީގެއް ހިންގުމަށް އަފްޣާނިސްތާނުން އެދޭ ކަމަށެވެ. އަދި ހެރީއާއި އޭނާގެ އާއިލާއިން އަފްޣާނިސްތާން މީހުންގެ ލޭ އޮހޮރުވާލުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ކުރީގެ ތަރުޖަމާނު ދައުލަތު ވަޒީރީ ވިދާޅުވަނީ ޕްރިންސް ހެރީ އަކީ އަޕާޗޭ ހެލިކޮޕްޓަރެއް ދުއްވި ޕައިލެޓެއް ކަމަށާއި އަފްޣާނިސްތާނުގައި އަޕާޗީ ފެނުނު މީހަކަށްވެސް އެއީ މީހުން މަރަން އުފައްދާފައިވާ އާލާތެއްކަން އެނގޭނެ ކަމަށެވެ. އެ މެޝިން އުފައްދާފައި ވަނީ އެކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ދެކުނުގެ ހެލްމަންޑް ޕްރޮވިންސްގެ ގޭރިޝްކް ޑިސްޓްރިކްޓްގެ ތިރި އަވަށުގައި ދިރިއުޅޭ މީހުން ވަނީ އަމީރު ހެރީ އެބުނާ ހާދިސާގެ ހަނާންތައް އައުކޮށްފައެވެ.

އެމީހުން ބުނާ ގޮތުން އެމީހުންގެ އަވަށަށް ހެރީގެ އަޕާޗޭ ހެލިކޮޕްޓަރުން ހަމަލަ ދިނީ، އެއަވަށާ ކައިރި މަގަކުން ދިޔަ އަސްކަރީ އުޅަނދެއް މަގުގެ ދެފަރާތިގައި ވަޅުލާފައިވާ މައިންއެއްގައި ޖެހި ގޮވައިގެންނެވެ. އަދި ރޭގަނޑު ހަމަލަ އަމާޒު ކުރީ އެމީހުންގެ އާއިލާ އިޝާ ނަމާދުފަހުން ކާން އިށީގެން ތިއްބައެވެ.

އަބްދުލް ވާޖިދު ޚާން 52 އަހަރު (ފޮޓޯގެ ކަނާތް ފަރާތުގައި) ކިޔައި ދިން ގޮތުން 2013 ވަނަ އަހަރު އިނގިރޭސި މަތިންދާބޯޓުތަކުން ދިން ހަމަލާގައި އޭނާގެ އާއިލާއިން ސަލާމަތްވީ އޭނާގެ 3 އަހަރުގެ ދަރިފުޅާ އޭނާ އެކަންޏެވެ. ގަތުލުއާންމުގައި އޭނާގެ އަންހެނުންނާއި އަންހެން ދަރިންނާއި ފިރިހެން ކުދިން ކޮޅު ޖުމުލަ ފސް މީހުން ވަގުތުން މަރުވެ ދިޔައީއެވެ.

އޭނާ ވަނީ ދިހަ އަހަރު ފަހުން އަލުން އެ ހިތާމަވެރި ހަނދާންތަކުގެ ވާހަކަ ދައްކައި ހިތްދަތިކޮށްދިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

އަބްދުލް ވާޖިދު ޚާން ބުނިގޮތުން އެ ހަމަލައަށް ފަހު ހެނދުނު ރޭޑިއޯއިން އިވުނީ ހެލްމަންދުގައި އަމީރު ހެރީ، އޭނާގެ އަސްކަރީ މިޝަން ކާމިޔާބު ކުރިކަމަށް ބުނެ ތަހުނިޔާ ކިޔާފައިވާ ވާހަކަތަކެވެ!

ހެރީ ފޮނި ކެނޑުމުގެ ސަބަބުން އިނގިރޭސި ސިފައިންގެ ނުރުހުމާއި ރުޅިވެރިކަން އޭނާއަށް އަމާޒު ވެފައި ވެއެވެ. އިނގިރޭސިން ބުނަނީ އޭނާ "ޓެރަރިސްޓް" ޖަމާއަތްތަކުގެ އަމާޒަކަށް ވެދާނެ ކަމަށެވެ.

ޕްރިންސް ހެރީ 2008 ވަނަ އަހަރު އަފްޣާނިސްތާނަށް 10 ހަފްތާގެ ސިއްރު މިޝަނެއްގައި ބައިވެރިވި ނަމަވެސް އެ ޚަބަރު މީޑިއާއަށް ލީކުވުމުން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އިނގިރޭސިވިލާތަށް އަނބުރާ ގެނައެވެ.

ހެރީ ދެ ފަހަރެއްގެ މަތިން އަފްޣާނިސްތާނަށް އައިސްފައިވާއިރު، ފުރަތަމަ ފަހަރު 2007 އާއި 2008 އާ ދެމެދު، އަނެއް ފަހަރު 2012 އާއި 2013 އާ ދެމެދުގައި އަފްޣާނިސްތާނުގައި މީހުން މަރަން އޭނާ ހަރަކާތްތެރިވިއެވެ.

ތާލިބާނުން ވަނީ ބައިނަލްއަގްވާމީ ޖިނާއީ ތަހުގީގެއް ހެރީއާ ދެކޮޅަށް ހިންގުމަށް ގޮވާލާފައެވެ.

ބައިނަލްއަގްވާމީ ގާނޫނުގެ ދާއިރާއިން މަސައްކަތް ކުރާ އަފްޣާނިސްތާންގެ މާހިރު އަބްދުލް ސައްތާރު ސާދާތު ވިދާޅުވަނީ ކަރްޒާއީގެ ފުރަތަމަ ސަރުކާރުގައި ދާޚިލީ ވަޒީރު ޔޫނުސް ޤާނޫނީ އާއި އެއިރުގެ ފޮރިން މިނިސްޓަރު އަބްދުالله އަބްދުالله ވަނީ އެމެރިކާއާއެކު ގާނޫނީ ހިމާޔަތް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޯށްފައެވެ.

އެހެންވެ އެމެރިކާއާއި ބައިވެރިން ހިންގާފައިވާ އެއްވެސް ގަތުލު އާންމަކާ ދެކޮޅަށް އެވެސް ގާނޫނެއްގެ ދަށުން އެމީހުންގެ ޝަރީއަތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ހެރީ އާއި އިނގިރޭސިވިލާތުގެ މައްސަލަ ބައިނަލްއަގްވާމީ ކޯޓުތަކަށް ވެއްދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބައިނަލްއަގްވާމީ ފަރާތްތަކުން ތާލިބާން ސަރުކާރު ބަލައިނުގަތުމެވެ.