ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވާނެ ކަމަށް އދގެ ޕޮޕިއުލޭޝަން ޑިވިޜަނުން ލަފާ ކުރެވެއެވެ.
އިންޑިއާ ވެގެން ދާނ ީ ޒުވާން އާބާދީއަކަށެވެ. 1950 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އާބާދީ އިތުރުވުމުގެ 35 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ އިންޑިއާއާއި ޗައިނާއިންނެވެ. މި ދެ ގައުމަކީ ދުނިޔޭގެ ގާތްގަނޑަކަށް 8 ބިލިއަން މީހުންގެ ފާހަގަކޮށްލެވޭ ދެ މަރުކަޒެވެ.
ޗައިނާގެ އާބާދީ ދަނީ ދަށް ވަމުން މުސްކުޅި ވަމުންނެވެ. އެއާ ޚިލާފަށް އިންޑިއާގެ އާބާދީ ދަނީ އިތުރުވެ ޒުވާނުން ގިނަ ވަމުންނެވެ.
ޗައިނާގއި 1980 ވަނަ އަހަރު ތައާރަފްކުރި އެއް ކުއްޖަކު ހޯދުމުގެ މަޖުބޫރު ސިޔާސަތުގެ ސަބަބުން ޗައިނާގައި ވިހާ ނިސްބަތް ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.
ޗައިނާއަށް ކުރީގެ ސިޔާސަތުގެ އިގްތިސާދީ ގެއްލުން އިޙުސާވެ އާބާދީމުސްކުޅިވާކަން އެނގުމުން، ފާއިތުވި އަހަރުތަކުގައި ކޮންމެ އަންހެނަކު ތިން ކުދިން ވިހއުމަށް ސަރުކާރުން ބާރުއަޅާއި ހިތްވަރު ދީފައި ވެއެވެ. އެހެންނަމަވެސް އެވްރެޖްކޮށް ޗައިނާގައި ވިހެއުމުގެ ނިސްބަތް އަދިވެސް އޮތީ 1.2 ގައެވެ.
ޗައިނާގައި އުމުރުން ދުވަސްވީ، މަސައްކަތް ނުކުރެވޭ އާބާދީ ބަރޯސާވާން ޖެހޭނީ ވަކިވަކި އެކަނިވެރި ކުދިންނަށެވެ. އަދި އާމްދަނީ ހޯދާ އެންމެ މީހަކަށް ޖެހެނީ ދެ މައިންބަފައިންނާއި ކާފަ އާއި މާމަ ގެ ހަތަރު މީހުން ބެލެހެއްޓުމުގެ އިގްތިސާދީ ބުރަ އުފުލާށެވެ. ތަރައްގީއާއެކު މީހުންގެ އުމުރު ވަނީ ދިގުވެފައެވެ.
ޗައިނާގެ އާބާދީގައި މުސްކުޅި ގިނަ ބަޔަކު ބަރޯސާވާން ޖެހުމުގެ ސަބަބުން 2035 ވަނަ އަހަރުގެ ނިޔަލަށް ޕެންޝަން ފަންޑުން ފައިސާ ހުސްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ 1.41 ބިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ 4 މީހުންގެ ތެރެއިން 1 މީހުންނަކީ 15 އަހަރުން ދަށުގެ ޒުވާނެކެވެ. އެހެންވެ، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ 25 އަހަރުން ދަށުގެ މީހުން ކަމަށް ލަފާ ކުރެވެއެވެ.