ނީލަން ފިހާރަގައި މި ދިޔަ ހޯމަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ވިޔަފާރި ނުހިންގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުމުވަށްފަހުގައެވެ.

ނީލަން ފިހާރަ މިހާރު ހުރި ތަނުގައި ދެން އެ ވިޔަފާރި ނުހިންގޭނެ ކަމަށާއި، އެތަން ހިންގަން މާލެ ނުވަތަ ހުޅުމާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދޫކުރަން ސަރުކާރުގައި އެދެން ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ހުށަހެޅުން ފާސްކުރީ ކައުންސިލްގެ 11 މެމްބަރުންގެ އިއްތިފާގުންނެވެ.

މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަށް ވިލެޖަށް އެތަން ބަދަލު ކުރިޔަސް ވަކި ބަޔަކަށް އެތަން ދޫ ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި އެތަން ހިންގާނީ އޮންނަ އުސޫލުގެ ދަށުން ފުރުސަތަށް ހުޅުވާލައިގެން އެކަން ކުރަން ބޭނުންވާ މީހުންނަށް ކަމަށެވެ.

" ނީލަން ފިހާރަ ހިންގަން ސަރުކާރުން ޖާގަ ނުދެންޏާ ވާނެ ގޮތަކީ ނީލަން ފިހާރަ ނުވަތަ ސެކަންޑް ހޭންޑް މާކެޓް ވަގުތީ ގޮތުން ވިޔަސް މާލެ ސިޓީގަ ނެތިގެން ދާނެ، އެއީ ދެން އޭގަ އޮތް ނަތީޖާއަކަށް ވާނީ " މޭޔަރު ވިދާޅުވިއެވެ.

ނީލަން ފިހާރަ އެ ސަރަހައްދުން ނަގަން މީގެ ކުރިން ވެސް ކައުންސިލުން ފާސް ކުރި އެވެ. އެހެންނަމަވެސް އެތަން އެހެން ސަރަހައްދަކަށް ބަދަލު ނުކުރެވުނީ ސަރުކާރުން ބިމެއް ނުދެއްކުމުންކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.