އަފްޣާނިސްތާނުގެ ކާބުލްގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތުގެ ކުރިމަތީގައި މިއަދު މެންދުރު ފަހު ބޮމެއް ގޮއްވާލާފައިވާ ކަމަށް އަފްޣާނިސްތާނުގެ ނޫސް އެޖެންސީ ތުލޫޢު ނިއުސް އިން ބުނެފި އެވެ. ތާލިބާންގެ އިންފޮމޭޝަން މިނިސްޓްރީން ބުނެފައި ވަނީ ޖާނު ގޮއްވާލުމުގެ ހަމަލައެއްގައި ވިހި މީޙުން މަރުވެފައިވާ ކަމަށެވެ. އަދި އެތައް ބަޔަކަށް ހާނީއްކަ ވެފައިވާ ކަމަށެވެ.

ކާބުލްގައި ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ވެސް އެތައް ގޮވުންތަކެއްގެ އަޑު އިވިފައި ވެއެވެ. ޚާމާ ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގޮވުންތައް ހިނގާފައިވަނީ ކާބުލްގެ އަސްކަރީ އެއާޕޯޓުގައެވެ. އަދި އެ ހާދިސާގައި 10 މީހުން މަރުވެ އަށް މީހަކު ސީރިއަސްކޮށް ޒަހަމްވިއެވެ.

ތާލިބާނުންގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ތައްކޫރު ވިދާޅުވީ އެ ގޮވުމުގެ ސަބަބުން ކާބުލްގައި ހުންނަ އަސްކަރީ އެއާޕޯޓުގެ މައި ގޭޓު ހަލާކުވި ކަމަށެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި އަފްޣާނިސްތާންގައި އައިސިސްގެ ފަރާތްތަކުން ދޭ ހަމަލާތައް އިތުރު ވެފައި ވެއެވެ.

މިދިޔަ މަހު ކާބުލްގެ މެދުތެރޭގައި ޗައިނާގެ ބަޔަކު ހިންގާ ހޮޓަލަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވެއެވެ.