އިންޑިއާ ކަނޑުގައިކުރާ ކަނޑުމަހުގެ މަސްވެރިކަމުގައި ޤައުމުތަކަށް މަސް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާ ބެހޭގޮތުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގައި ކުރިއަށްދާ މަޝްވަރާތަކުގެ މަޢުލޫމާތު މަސްވެރިންނާއި މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުންނެވެ. މި ބައްދަލުވުމުގައި މިސެޝަން ކުރިއަށް ގެންދެވުނީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އިންޓަނެޓުގެ ޒަރިއްޔާއިން، ޒޫމް މެދުވެރިކޮށް، ބޭއްވި މަސްވެރިންގެ ފޯރަމްގައެވެ.

އިންޑިއާ ކަނޑުގެ ކަނޑުމަހާއި ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓުމަށް ދުނިޔޭގެ ކަނޑުތަކާބެހޭ ޤާނޫނުގެ ދަށުން އުފައްދައިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ މެންބަރު ޤައުމުތަކުން، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބޭނޭނެ ވަކި މިންވަރެއް (ކޯޓާ) ކަނޑައެޅުން ހިމެނެއެވެ. އަދި އެ ކޯޓާ ގައުމުތަކުގެ މެދުގައި ބަހަން އެއްބަސްވި ސަބަބުތަކާއި، ދިވެހިރާއްޖެއިން އައްސޭރިފަށުގެ ޤައުމުތަކާ ގުޅިގެން އެ މަސައްކަތުގައި އިސް ރޯލެއް އަދާކުރާ ސަބަބުތަކާ ބެހޭގޮތުން ތަފުސީލުކޮށް މި ސެޝަންގައި މަޝްވަރާކުރި ކަމަށް ފިޝަރީޒު މިނިސްޓްރީން ވިދާޅުވިއެވެ. އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަމަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެ އެވެ. އެހެން ކަމުން ކޮންމެ ޤައުމަކަށް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، މަސްވެރިކަމުން ވަޒީފާގެ ފުރުޞަތުތައް ހުރި މިންވަރަށާއި، މަސްވެރި އާއިލާތަކަށް ކުރާ އަސަރު ވީހާވެސް ކުޑަވާނެ ގޮތަކަށް މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް މިސެޝަނުގައި ވާހަކަ ދެކެވިފައިވެއެވެ. މީގެ އިތުރުން، މި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ދިގުލާ ކޮންމެ ދުވަހަކީ ތަރައްޤީވެފައިވާ ގައުމުތަކުން ޚާއްޞަކޮށް ބޮޑުދަލުގެ ނުވަތަ 'ޕާސްސެއިން' މަސްވެރިކަން އިތުރަށް ފުޅާކުރަން ފުރުސަތު ލިބި، ކަނޑުމަހުގެ ސްޓޮކް އިތުރަށް ހީނަރުވުމަށް މަގުފަހިވެގެން ދާނެ ދުވަހެއްކަމަށް މިސެޝަންގައި ފާހަގަކޮށްފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާ ކަނޑުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމެއް ނޫންގޮތަށް ލޭބަލްކުރެވި، އިންޑިއާކަނޑުން ބާނާ މަސް ބޭރުގެ ބާޒާރުތަކުން ބަލައިނުގެންފިނަމަ (ބޮއިކޮޓްކޮށްފިނަމަ)، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިންނާއި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެ ކަންވެސް މިސެޝަންގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ކަނޑުން މަސްވެރިކަންކުރާ ގައުމުތަކުގެ މެދުގައި ކަނޑުމަސް ބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާއިރު، މިމަޝްވަރާތަކަށް ދެ ހުށަހެޅުމެއް (ޕްރޮޕޯސަލެއް) އައި.އޯ.ޓީ.ސީ އަށް ހުށަހަޅައިފައި ވެއެވެ. އެގޮތުން، ދިވެހިރާއްޖެ އިން އިސްނަގައިގެން، 10 ގައުމެއްގެ ތާއީދާއެކު، އައްސޭރިފަށުގެ ގައުމުތަކާއި ކުދިޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކަށް އިންސާފުވެރިކޮށް ކޯޓާ ބަހާނެ އުސޫލެއް ވަނީ ހުށަހަޅައިފައެވެ. އަނެއް ހުށަހެޅުން ހުށަހަޅާފައިވާނީ ޔޫރަޕިއަން ޔޫނިއަންއިންނެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަކީ 31 މެންބަރު ގައުމު ހިމެނޭ ޖަމާއަތެކެވެ. މި ކޮމިޝަންގެ ފުރިހަމަ މެންބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 13 ޖުލައި 2011 ގައެވެ.