ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިތުރަށް މާލެ ތޮއް ނުޖެއްސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ދާއިރާގެ މެންބަރުންނާ އަދި ކެމްޕެއިން ޓީމުތަކާއެެކު ބޭއްވި ބައްދަލުވަމުގައެވެ. މި ބައްދަލުވުމަކީ ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންނާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ހުޅުމާލެ ބްރައިޓްވޭ ސްކޫލުގައި މިރޭ ކުރިއަށް ދިޔަ ބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި މާލޭގެ މަގު މައްޗަށް އަމާންކަން ގެނެވިއްޖެކަމަށާއި އެކަން އަޅުގަނޑުމެން ދަމަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށާއި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާނަމަ ރިޔާސީ އިންތިހާބަކަށް ނުލައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ވެރިކަމުގައި އަދާކުރަން ޖެހޭ ދެ ދައުރު ފިޔަވާ އިތުރު ދައުރަކަށް އެމަކުރިމައްޗެއް ނުލައްވާނޭ ކަމަށާއި، ވެރި ކަމަކީ އިންސާނުންނަށް މާތް ﷲ ދެއްވާ އެއްޗެއް ކަމަށާއި އަޅުންނަށް އޮންނަ ކަމަކީ މަސައްކަތްކުރުން ކަމަށްވެސް އެމަނިފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ޕާޓީގެ ގިނަ ބަޔަކުވަނީ ބައިވެރިވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މިމަހު 28ގައެވެ. މި އިންތިހާބުގައި ރައީސް ސާލިހު އާއި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.