ހިޔާ ފްލެޓާ ގުޅޭ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނުވަތަ ލިޔުމެއް ގެޒެޓްކޮށްގެން ނޫންގޮތަކަށް ކޮށްފައި ނުވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ހިޔާ މަޝްރޫއުގެ 2500 ފްލެޓާއި އެއްކޮޓަރި ފްލެޓްތައް ވުޖޫދުގައި ނެތްކަމަށް ބުނެ ފްލެޓް ކޮމިޓީން ދައްކަވާފައިވާ ވާހަކަތައް ރައްދު ދެއްވަމުންނެވެ.
ފްލެޓްތަކުގެ އެންމެ ފަހުގެ މަޢޫލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޓީގެ މެމްބަރު ތޯހާ މުޙައްމަދު ވިދާޅުވީ އެ ފްލެޓްތައް ދޫކުރުމަށް ކުރީ ސަރުކާރުން އިޢުލާނުވެސް ނުކުރާކަމަށާއި، އެމަޝްރޫޢުއަށް ހުޅުޥާލިނަމަ ފްލެޓް ލިބޭ ވަގުތީ ލިސްޓެއްވެސް އޮންނާނެކަމަށް ޠާހާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ ލިސްތެއްވެސް ނެތްކަމަށްވެސް ޠާހާ ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނުވަތަ ގެޒެޓްގައި ލިޔުމެއް އާންމުނުކޮށް ކޮށްފައި ނުވާނެކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވާ ކަމަށެވެ.
"ފްލެޓް ކޮމިޓީއަކީ ތަންދޮރު ނުދަންނަ، ޒިންމާދާރުކަމެއްނެތް، ވާނުވާ ނޭގޭ ބައެކޭ މީހުން ބުނެ އުޅެނީ ސަބަބުތަކެއް ހުރީމަ. ހިޔާ މަޝްރޫޢުގެ އެއްވެސް ނިންމުމެއް އެކަމާއި ގުޅޭ އިއުލާނެއް ނޫނީ ލިޔުމެއް ގެޒެޓްނުކޮށް ކޮށްފައި ނުވާނެކަން އަދިވެސް ތަކުރާރުކޮށްލަން." މުއިއްޒު ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ ހިޔާ މަޝްރޫޢުގައި ހިމެނޭ 2500 ޔުނިޓަކީ ކުރީ ސަރުކާރުގެ މަޝްރޫއެއް ނޫންކަމަށާއި، އެމަޝްރޫޢު އުފަންވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 4 ގައިކަމަށެވެ. އެ މަޝްރޫއުގެ ފްލެޓް ދޫކުރުމަށް ކުރީ ސަރުކާރުން އިޢުލާނުވެސް ނުކުރާކަމަށާއި، އެމަޝްރޫޢުއަށް ހުޅުޥާލިނަމަ ފްލެޓް ލިބޭ ވަގުތީ ލިސްޓެއްވެސް އޮންނާނެކަމަށް ތޯހާ ވިދާޅުވިއެވެ.