މާލޭ ސިޓީ ކައުންސިލުން ހުޅުވާލި "ޗާލު މިސްކިތް" ފަންޑުން ލިބުނު ފައިސާއިން މިސްކިތްތައް މަރާމާތުކުރަން ފަށައިފި ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި " ޗާލު މިސްކިތް" ފަންޑަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓް(1 މިލިއަން ރުފިޔާ)އިން، މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން ބޭއްވި ހަރާކަތެއްކަމަށެވެ. އަދި މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް އެފުރުސަތު ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

"ޗާލު މިސްކިތް" ފަންޑުން އެންމެ ފުރަތަމަ މަރާމާތު ކުރަން ފަށާފައިވަނީ މަސްޖިދުއް ތަޢާވުނީ ( އާސަހަރާ މިސްކިތް ) އެވެ. އެ މިސްކިތުގެ ފެންޑާ ބައިގެ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތާއި އެ މިސްކިތުގައި ހުރި ރެނދުތައް ބައްދައި އަލުން ކުލަ ލުމަށް ކުލަކެހުމުގެ އިތުރުން ފާހާނަ ބަރި ކުރިމަތީ ތަޅުން އެޅުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެފަރާތުން ވިދާޅުވިއެވެ. މި މިސްކިތް މަރާމާތް ކުރުމަށް ފަށާފައިވަނީ އާންމު ފަރާތަކުން މި މިސްކިތް މަރާމާތު ކުރުމަށް ހަރަދުވާ ފައިސާ އެއްކޮށް "ޗާލު މިސްކިތް" ފަންޑަށް ހަދިޔާ ކުރުމުން ކަމަށްވެސް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލާ ކަމަށް ވުމުންނެވެ.

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށާއި އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި. އަދި އެ 9 މިލިއަން ހަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވެފައެވެ.

މި ހަރަކާތަކީ ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ހަރަކާތުން 744713.90 ރުފިޔާ ކައުންސިލަށް ވަނީ ލިބިފައެވެ.