ނީލަންފިހާރަ ހިންގަން މާލޭ ސިޓީކައުންސިލުން ބޭނުންވާ ތާކުން ބިން ނުލިބިދާނޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ނީލަން ފިހާރަ އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކުރަން ނިންމައި ސަރުކާރުގައި އެވާހަކަ ދެންނެވުމުން ބިންހަމަޖައްސަވައިދެއްވާފައިނުވާކަމަށް ވިދާޅުވެފައެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އިންޑަސްޓްރިއަލް ޒޯންނަކީ އެހެނިހެން މަސައްކަތްތަކެއް ވެސް ހިނގަމުންދާ ސަރަހައްދެއް ކަމަށެވެ. އެހެން ކަމުން ސިޓީކައުންސިލުން ބޭނުންވާ ސަރަހައްދަކުން ބިން ނުދެވުނަސް ބިންލިބުމުގެ ފުރުސަތު އެކައުންސިލަށް އޮންނާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިވަގުތު އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި އެއޮތް ސަރަހައްދަކީ އެހެނިހެން މަސައްކަތްތަކެއް ވެސް ހިނގަމުންދާ ސަރަހައްދެއް. ދެން ސީދާ ސިޓީކައުންސިލުން ބޭނުންވާ ކޮންމެކޮންމެތަނެއް އަދި ނުދެވުނަސް ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ސަރުކާރާއި މާލޭ ސިޓީކައުންސިލް ގުޅިގެން އަބަދުވެސް މަސައްކަތަކެއް ވެސް ކުރެވޭ ކަމަށެވެ. އެހެންނަމަވެސް "ސީދާ ވަކިބޭނުމަކަށް ނަގާފައިއޮތްތަނެއް ދިނުމަށް ސަރުކާރަށް ވެސް އުނދަގުވާނެ،" އޭނާ ވިދާޅުވިއެވެ.

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަންވަނީ އަނދައި ހުލިވެފައެވެ. އެހެންކަމުން މާލޭސިޓީކައުންސިލުން މިހާރުވަނީ އަލުން އެސަރަހައްދުގައި އެފިހާރަ ނުހުޅުވަން ނިންމައިފައެވެ.