ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައެޅާފައިވާ ބިލެކެވެ.

މި ބިލުގެ މަޤްޞަދަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ޚިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.

މީގެ އިތުރުން ވެސް އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޛުކުރުމާއި، މި ޤާނޫނާއި އަދި ކަމާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސް މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.