ސްޕެނިޝް ސްޕަރ ކަޕް ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާ ފައިނަލުން ޖާގަ ހޯދުމުން، ފައިނަލުގައި ރެއާލް އާއި ބާސާ ބައްދަލު ކުރަން ޖެހި ފައިނަލުގެ ފޯރިގަދަ ވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ކިންގ ފަހްދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޕެނަލްޓީ ޝޫޓްއައުޓަށް ދިޔައީ މެޗުގެ ނުވަދިހަ މިނެޓާއި ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފްވެސް 2-2 އިން އެއްވަރުވުމުންނެވެ.

މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބާސާއިންނެވެ. މިލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ. އޭގެ ކުރިން ޕެޑްރީ ލަނޑެއް ޖެހިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެލަނޑު އޮފްސައިޑް ކަމަށެވެ. މެޗުން ބާސާ މޮޅުވާން ދަނިކޮށް ރެއާލް ބެޓިސް އިން އެއްވަރު ކުރީ 77 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ނަބީލް ފަކީރެވެ.

ބާސާއިން ދެވަނަ ފަހަރަށް ލީޑް ނެގީ 15 މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ފޯވާޑް އަންސޫ ފަޓީގެ ލަނޑުންނެވެ. ބެޓިސްއިން ދެވަނަ ފަހަރަށް އެއްވަރު ކުރީ ބާސާއިން ލީޑް ނެގިތާ 8 މިނެޓް ފަހުން ލޮރެންޒޯގެ ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ބާސާގެ ތަރިޔަކަށްވީ ކީޕަރު، ޖަރުމަނުގެ ޓާރ ސްޓެޖެންއެވެ. ސްޓެޖެން ވަނީ ބެޓިސްގެ ތިންވަނަ ޕެނަލްޓީ އާއި ހަތަރު ވަނަ ޕެނަލްޓީ މަތަކޮށްފައެވެ. ބާސާގެ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ލެވަންޑޮސްކީ، ފްރޭންކް ކެސީ، އަންސޫ ފަޓީ އަދި ޕެޑްރީއެވެ.

ބާސާ އާއި ރެއާލް ބައްދަލު ކުރާ ސްޕެނިޝް ސްޕަރ ކަޕް ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ.

ބާސާއަކީ ސްޕަރ ކަޕުގެ އެންމެ ކާމިޔާބު ޓީމެވެ. ބާސާއިން 13 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާއިރު ރެއާލްއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ފަހަރުއެވެ.