ޕާކިސްތާންގެ އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާ ނުބޭއްވުމަށް ބޮޑު ވަޒީރު އިމްރާން ޚާން ގޮވާލެއްވި ގޮވާލެއްވުމަށް ގޮންޖަހަމުން އިދިކޮޅު ފަރާތްތަކުން ލާހޯރުގައި ޖަލްސާ ބާއްވައިފިއެވެ. ޕާކިސްތާން ސަރުކާރުން އެދިފައިވަނީ ކޮވިޑް 19ގެ ހާލަތާ ގުޅިގެން އެއްތަނަކަށް 300 މީހުންނަށް ވުރެން ގިނައިން އެއް ނުވުމަށެވެ. ޕާކިސްތާންގެ އިދިކޮޅު 11 ޕާޓީއެއް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ލާހޯރު ޖަލްސާގައި ޖަމްއިއްޔަތޭ އުލަމާއޭ ޕާކިސްތާންގެ ރައީސް މައުލާނާ ފަޟުލުއްރަޙްމާންއާއި ޕާކިސްތާން މުސްލިމް ލީގް (ނ)ގެ ނާއިބް ލީޑަރު މަރްޔަން ނަވާޒްއާއި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ރައީސް ބިލާވަލް ބުއްޓޫ ޒަރްދާރީ ބައިކވެރިވެ ވަޑައިގެންނެވިއެވެ.

އަދި ޓެރަރިޒަމްގެ ބިރު އޮތުމާއެކު ޖަލްސާ ނުބޭއްވުމަށްވެސް އެދިފައި ވެއެވެ.

ޖަލްސާ ބޭއްވުމުގެ އެއްދުވަސްކުރިން މިޖަލްސާގައި ބައިވެރިވާ އިދިކޮޅު ލީޑަރުންގެ ފުރާނައަށް ނުރައްކަލެއް އޮތްކަމަށް ބުނެ، ލާހޯރު ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ މިނާރާއޭ އިގްބާލުގައި ސަރުކާރުން ތަޅު އަޅުވައި ބަންދުކޮށްފައި ހުއްޓައި އިދިކޮޅު ފަރާތްތަކުން ވަނީ ތަޅު ހަލާކުކޮށްގެން އެތަނަށް ވަދެފައެވެ.

މިނާރާއޭ އިގްބާލް އަކީ މީގެ 81 އަހަރު ކުރިން ޕާކިސްތާން އުފެއްދުމަށް އިޢްލާން ކުރި މައިދާނެވެ.

މި ޖަލްސާގެ ކުޑަ ވަގުތުކޮޅެއްކުރިން ސަރުކާރު ތަރުޖަމާން މީޑިއާގައި ބުނެފައިވަނީ މިއީ ބޭކާރު ޖަލްސާއެއް ކަމަށެވެ. ނަމަވެސް ޕަޚްތޫންޚުވާ ގެ މިއްލީ އަވާމީ ޕާޓީގެ ލީޑަރު ބައިވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގިނަ އަދަދަކަށް މީހުން އެއްވުމުން އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. މަރްޔަން ނަވާޒު ވިދާޅުވީ މި ޖަލްސާއަށްފަހު އިމްރާން ޚާންގެ ސަރުކާރުން އިސްތިއުފާދެއްވާނެ ކަމަށެވެ. އަދި މިއީ އައު ޕާކިސްތާނަށް އަލިވިލޭ ދުވަސް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޖަލްސާއަށް މިއަދު ތައްޔާރު ވަމުން ދިޔައިރު ޖަލްސާގެ އަޑުފޮށި ބެހެއްޓުމުގެ މަސައްކަތާ ހަވާލުވެ ހުރި ކުންފުނީގެ ބަޔަކު ވަނީ ހަތިޔާރު ގެންގުޅުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

ކޮވިޑާ ގުޅޭ އިރުޝާދުތަކަށް ތަބާ ނުވުމުންވެސް އިދިކޮޅު ފަރާތްތަކުގެ ތިން ހާސް މީހުން މިހަފްތާގައި ބަންދުކޮށްފައި ވެއެވެ.