ބޮޑު ކާމިޔާބެއް ލިބުނުކަމަށްވާނީ ގިނަ ވާދަވެރިންނާއި ބޮޑެތި އަދާވާތްތެރިންނާ ވާދަކޮށް ކުރިހޯދުނީމައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާ ކުރައްވާފައިވާ ޓުވިޓެއްގައި ވިދާޅުވެފައިވަނީ އޭގެ ވެސް ފޮނިކަމުގެ އިހުސާސް ވާނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބު ލިބުމުން ކަމަށެވެ.

"ބޮޑުކާމިޔާބެއް ލިބުނުކަމަށްވާނީ ގިނަ ވާދަވެރިންނާއި، ބޮޑެތި އަދާވާތްތެރިންނާ ވާދަކޮށް ކުރިހޯދުނީމައެވެ. ފޮނިކަމެއް އިހުސާސް ކުރެވޭނީ ރަނގަޅަށް ވާދަކޮށްލައިގެން ކާމިޔާބު ލިބުނީމައެވެ." މިނިސްޓަރ މި އިޝާރާތް ކުރައްވަނީ ކޮންކަމަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި އެވިދާޅުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށެވެ. އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ ޕާތީގެ އެންމެ އިސްލާޑަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުން ވެސް ގެންދަވަނީ ކެމްޕޭނުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

ސަރުކާރުގެ ކޯލިޝަން ޕާޓުނަރެއްގެ ހައިސިއްޔަތުން މިނިސްޓަރ އިމްރާން ތާއިދު ކުރައްވަނީ ރައީސް އިބްރާހީމް މުހައްދު ސާލިހަށެވެ.