ދިވެހި ފުލުހުންގެ މުއައްސަސާގެ ޕްރޮފެޝަނަލްކަމާއި ޤާބިލުކަމާމެދު، ބައިނަލްއަޤުވާމީ މުޖްތަމަޢުގައިވެސް އިތުބާރާއި ޔަޤީންކަން މިއަދު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިރޭވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ އިންޓަރޕޯލްގައި ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ، ބައިނަލްއަޤުވާމީ ޞުލްޙަޔާއި ހަމަޖެހުން ޤާއިމުކުރުމުގައި މުހިންމު މަސައްކަތްތަކެއްކޮށް، އެހެން ޤައުމުތަކަށް މިސާލު ދައްކަމުން ކަމަށެވެ. އިންޓަރޕޯލް ދިވެހިފުލުހަކު މިހާރުވެސް މަސައްކަތް ކުރައްވައެވެ. ރައީސް ވިދާޅުވީ ދިވެހި ފުލުހުންނަކީ އެތައް ގޮންޖެހުތަކާ ކުރިމަތިލަމުން ވެސް ރައްޔިތުންނަށް މުހިންމު ޚިދުމަތެއް ދެމުން އަންނަ ބައެއް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހަރުކަށި ދީނީފިކުރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ޚާއްޞަ ގޮތެއްގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެގޮންޖެހުންތަކާ ކުރިމަތިލުމުގެ ޢިލްމީ އަދި ފަންނީ ޤާބިލުކަން ދިވެހި ފުލުހުންގެ ކިބައިގައި މިހާރު އެބަހުރި ކަމަށެވެ. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޤާބިލުކަން ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. އެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމުގައިވެސް ރައިސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް، އެންމެ މަތީ ފަންތީގެ ޕްރޮފެޝަނަލް ޚިދުމަތަކަށް ހެދުމަކީ ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. ޒަމާނީ ތަމްރީންތަކާއެކު ފުލުހުން ޚިދުމަތަށް ނުކުންނަ އިރު، އެ ޚިދުމަތްތައް ދެވޭނެ ވަސީލަތްތައް ފުރިހަމައަށް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވާތީ އެކަމަށް މަސައްކަތްތަކެެއް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެއްގަމާއި ކަނޑުގެ އިތުރު އުޅަނދުފަހަރު ހޯދައިދިނުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންނަށް ތަޙްނިޔާ ވިދާޅުވެ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ސާބިތުކަމާއި ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

މިޖަލްސާގައި، ފުލުހުންގެ 34ވަނަ އަސާސީ ތަމްރީން ކޯހުން 1 ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިކޯސް ފުރިހަމަކޮށް 164 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.