ވަޒީފާގެ މާހައުލުގައި ނުވަތަ މަސައްކަތުގެ މާހައުލުގައި ކުރަން އެންމެ އުނދަގޫ އެއްކަމަކީ މަސައްކަތް ކުރަން އިށީންނަ ގޮތަށް "ކަންކަން ހަމައަކަށް އަޅުވާނުލައި" ގޮނޑިން ތެދުވަން އުނދަގޫވުމެވެ.

އެމެރިކާގެ ކެންސަރ ސޮސައިޓީއިން ދާދިފަހުން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން ދުވާލަކު 6 ގަޑިއިރަށްވުރެ އިތުރަށް އިށީނދެ އިންނަނަމަ ތަފާތު 14 ބައްޔެއް އުމުރުގެ ކުރީކޮޅު ޖެހި ޒުވާން އުމުރުގައި މަރު ވުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ދިރާސާއިން ދައްކާފައެވެ. މިދިރާސާގައި 125،000 މީހުން ބައިވެރިކޮށްފައިވެއެވެ.

ގިނައިރު އިށީނދެ އިންނަ މީހުން އުމުރު ކުރުވާކަމަށް ދިރާސާއަކުން ދެއްކި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު މިދިރާސާއިން މައިގަނޑު ގޮތެއްގައި ހޯދާފައި ވަނީ އުމުރު ކުރުވާން ދިމާވާ މައިގަނޑު 14 ބައްޔެވެ.

އާންމު ގޮތެއްގައި 6 ގަޑިއިރަށްވުރެ އިތުރަށް އިށީނދެ އިންނަނަމަ ކުރިމަތިލާން ޖެހޭ މައިގަނޑު ބަލިތަކުގެ ގޮތުގައި މިދިރާސާގެ އަލީގައި ސައިންސްވެރިންނަށް ފާހަގަ ކުރެވިފައި ވަނީ ކެންސަރ، ހިތުގެ ބަލިތައް، ސްޓްރޯކް ޖެހުން، ކިޑްނީގެ ބަލިތައް، ހަކުރު ބަލި، އަމިއްލައަށް މަރުވުން (ނަފްސާނީ ގޮތުުން ބަލިކަށިވުން) ، ނޭވާލާ ނިޒާމުގެ ބަލިތައް، ފުރަމޭގެ ބަލިތައް، ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ ބަލިތައް، ތުރުތުރުއަޅާ ބަލި، ހަނދާން ނެތޭ ބަލި، ނާރުގެ ބަލިތައް، ހަށިގަނޑުގެ މަސްތަކަށް/ ޖޮއިންޓްތަކަށް ޖެހޭ ބަލިތައް (މިބަލިތަކުގެ 150 ވައްތަރު އުޅޭކަމަށް ސައިންސްގެ ދިރާސާތަކުން ދައްކައެވެ).

ދިވެހި މުޖްތަމައަށް ބަލާއިރު ގިނައިރު އިށީނދެ ތިބެގެން ސިއްހީ ނުރައްކަލަށް ހުށަހެޅިފައި ވަނީ ހަމައެކަނި މަސައްކަތުގެ މާހައުލުގައި އުޅޭ ފަރާތްތައް އެކަންޏެއް ނޫނެވެ. ގޭމް ކުޅެން ދެވިހިފާފައި ތިބި އެތަކެއް ޒުވާނުންނާއި ފުޓްބޯޅަ މެޗުތަކާއި ތަފާތު ޑްރާމާތަކާއި ސީރީސްތައް ބެލުމަށް ދެވިހިފާފައިވާ ފަރާތްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިދިރާސާއިން ދައްކާ ގޮތުން ގަވައިދުން ކަސްރަތު ކުރާ މީހަކަށްވިޔަސް، ދުވާލަކު 6 ގަޑި އިރަށްވުރެ އިތުރަށް އިށީނދެ އިންނަނަމަ ދެންނެވިފައިވާ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު އެހެން މީހުންނެކޭ އެއްވަރަށް އެބައޮތެވެ.

"ކޮންމެ މަސައްކަތެއް ކުރަން ހުރިނަމަވެސް ކޮންމެ ތިރީސް މިނެޓަކުން، ފަސް މިނެޓަށް ތެދުވެލައި ހިނގާލުން މުހިއްމު" ދިރާސާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިރާސާގައި ވަނީ މަސައްކަތްތެރިންނަށް ކޮންމެ ތިރީސް މިނެޓަކުން 5 މިނެޓް ހިނގާލަން ނުވަތަ ހުރި ތަނުން ތެދުވެ ކޮންމެވެސް އެހެން ކަމެއް ކޮށްލުމަށް ވަގުތުކޮޅެއް ދިނުމަށް އިރުޝާދު ދީފައެވެ. "މިކަން ބަދަލު ކުރެވޭނީ މަސައްކަތް ކުރުވާ ސަގާފަތް ބަދަލުކޮށްގެން" ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

މަސައްކަތެއް ނުނިމޭނެއެވެ. އަދި ގޭމްތަކާއި ސީރީސް ތަކާއި ފުޓްބޯޅަ މެޗުތަކެއްވެސް ނުނިމޭނެއެވެ. އެކަމަކު ތިބާގެ ހަށިގަނޑު އެކަންކަމުން އެއްކިބާ ކޮށްލައި ކޮންމެވެސް އެކްޓިވް ކަމެއްގެ ތެރެއަށް ގެންދިޔުމަކީ އުފާވެރި ހަޔާތެއް ހޭދަކުރުމަށް ކޮންމެހެން މުހިއްމު ކަމެކެވެ. ފުރިހަމަ ސިއްހަތަކީ ހާސް ނިއުމަތެވެ.