ކްރިސްޓިއާނޯ ރޮނާލްޑޯގެ ދޮށީ ދަރިފުޅު، ރޮނާލްޑޯ ޖޫނިއަރ ސައުދީ އަރަބިއްޔާ ކްލަބެއްގެ އެކަޑަމީއަކާ ގުޅިއްޖެ ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު "ގޯލް.ކޮމް" އިން ބުނެފިއެވެ.

ރޮނާލްޑޯ ޖޫނިއަރ،12، ގުޅުނީ ސައުދީގެ ކޮން ކްލަބެއްގެ އެކަޑަމީއަކާ ކަމެއް ގޯލް.ކޮމްއިން ބުނެފައެއް ނުވެއެވެ. ރޮނާލްޑޯގެ ދަރިފުޅު ޔޫރަޕް އެކަޑަމީތައް ދޫކޮށް ސައުދީ އެކަޑަމީއަކާ ގުޅިފައި މިވަނީ، ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ސައުދީގެ އަލް ނަސްރަށް ރޮނާލްޑޯ ބަދަލުވިތާ ދެހަފްތާއެއްހައި ދުވަސް ފަހުންނެވެ. ރޮނާލްޑޯ ވަނީ އޭނާއާއެކު އާއިލާވެސް ސައުދީއަށް ބަދަލު ކޮށްފައެވެ.

ރޮނާލްޑޯ ޖޫނިއަރ މީގެ ކުރިން ވަނީ ރެއާލް މެޑްރިޑުގެ އެކަޑަމީ، ޔުވެންޓަސްގެ އެކަޑަމީ އަދި މެންޗެސްޓަރ ޔުނައިޓެޑުގެ އެކަޑަމީގައި ތަމްރީންތައް ހަދާފައެވެ. ބައްޕަ ފަދައިން ފޯވާޑަކަށް ކުޅޭ ރޮނާލްޑޯ ޖޫނިއަރ ވަނީ މިދިޔަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުގެ ބާރަ އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން ހިތްގައިމު ލަނޑުތަކެއްވެސް ޖޫނިއަރ މުބާރާތް ތަކުގައި ކާމިޔާބު ކޮށްފައެވެ. ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ ޖޫނިއަރވެސް އުފާފާޅު ކުރުމަށް ބޭނުން ކުރަނީ އޭނާގެ ބައްޕަގެ މަޝްހޫރު "ސިއޫ" ސެލެބްރޭޝަނެވެ.