ކޮވިޑް-19 ވެކްސިންގެ ޝިޕްމަންޓްތައް އެމެރިކާގެ ސްޓޭޓްތަކަށް ހޯމަދުވަހުގެ ހެނދު ފޮނުވަން ފަށާނެ ކަމަށް، އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓްތަކަށް ވެކްސިން ޝިޕްމަންޓްތައް ފޮނުވަން މިފަށަނީ، އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ފައިޒަރއާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން ތަރައްގީކުރި ކޮވިޑް ވެކްސިން އިމަޖެންސީ ބޭނުންތަކުގައި އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދިނުމާ ގުޅިގެންނެވެ.

ވެކްސިން ޝިޕްމަންޓްތައް ސްޓޭޓްތަކަށް ގެންދިއުމަށްޓަކައި، ޝިޕިންގ ކުންފުނިތައް ކަމަށްވާ ޔޫޕީސްއާއި، ފެޑްއެކްސްގެ ޓްރަކްތަކަށް މިއަދުވަނީ ވެކްސިން ލޯޑުކުރަން ފަށާފައެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިވަގުތު ގާއިމްކޮށްފައިވާ ވެކްސިންދޭ 150 ސެންޓަރަށް މި ކުންފުނިތަކުން މާދަމާއިން ފެށިގެން ފޯރުކޮށްދޭން ފަށާނެކަމަށް ވެއެވެ.

މައި ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ވެރިޔާ ސިފައިންގެ ޖެނެރަލް ގުސްޓާވް ޕާރނާ ވިދާޅުވީ، އިތުރު 425 ސައިޓަކަށް އަންގާރަދުވަހު ވެކްސިން ފޯރުކޮށްދެވޭނެ ކަމަށާއި، ބާކީ 66 ސައިޓަށް ބުދަދުވަހު ވެކްސިން ފޯރުކޮށްދެވޭނެ ކަމަށެވެ.

މިވަގުތަށް ގާތްގަނޑަކަށް 3 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން، ސައިޓްތަކަށް ފޮނުވަން ތައްޔާރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެކްސިން ޖަހާ ސައިޓްތަކަށް ވެކްސިން ލިބުމާއެކު ވެކްސިން ދޭން ފަށާނެ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް، ފުރަތަމަ މި ފޮނުވާ 3 މިލިއަން ޑޯޒްގެ ވެކްސިން ދޭނީ ސީދާ ކޮން ބަޔަކަށް ކަމެއް ސާފުނުވާކަމަށް އެމެރިކާގެ މީޑިއާއިން ބުނެއެވެ.

އެމެރިކާ ސަރުކާރުން ކުރިން ބުނެފައިވަނީ، ފުރަތަމަ ވެކްސިން ލިބޭނީ ސިއްހީ ޚިދުމަތްތެރިންނާއި، ނާރސިންގ ހޯމްތަކުގައި ތިބި މީހުންނަށް ކަމަށެވެ.

ގުސްޓާވް ފުރަތަމަ ވެކްސިން ދޭނެ ބަޔަކު ނިންމާނީ ސިއްހީ އިދާރާތަކުން ކަމަށެވެ.

އެމެރިކާގައި ކޮވިޑް ވެކްސިން ދޭން ފަށާއިރު، އެމެރިކާއަކީ ބަލީގެ ހާލަތު އެންމެގޯސް ގައުމެވެ. އެގައުމުން މި ބަލީގައި މިހާތަނަށް 3 ލައްކަށްވުރެ ގިނަމީހުން މަރުވެފައި ވާއިރު، ވެކްސިން ދޭން ފެށުމުން ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އާވެފައި ވެއެވެ.