ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" މިއަހަރު ވެސް ބާއްވާނޭ ކަމަށް ޔޫއެންޑީޕީ މޯލްޑިވްސްއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ. އެ ދެތަން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މީގެ ފުރަތަމަ ބުރު އޮންނާނީ މިއަހަރު ފެބުރުއަރީ 12 އިން 18 އަށް ކަމަށެވެ. ދެވަނަ ބުރު އޮންނާނީ ފެބްރުއަރީ 26 އިން މާރޗް 4 އަށް ކަމަށެވެ.

މި ދެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ. މާލެ ސަރަހައްދުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މާލެއަށް ދަތުރުކުރުމާއި ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށްް ބަޔާނުގައި ބުނެފައިވެއެވެ.

"ޕްރެކްޓިސް ޕާލަމެންޓް ފޯރ ވިމެން" ބެޗް 1 އަދި 2 އަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑިއަކީ 22 ޖެނުއަރީ 2023 އެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވާ ފަރާތްތައް ހޮވުން:

ޕްރެކްޓިސް ޕާލިމަންޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ އަންހެނުން ޝައުގުވެރިކަން ފާޅުކުރުމަށްޓަކައި ކަނޑައެޅިފައިވާ ކޮންޓެކްޓް ނަންބަރަށް އެފަރާތެއްގެ ތަފްސީލު ފޮނުވަންވާނެއެވެ. ޕްރެކްޓިސް ޕާލިމަންޓުގައި ބައިވެރިވުމަށް ޝައުގުވެރިވުމުގެ އިތުރުން ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެންޖީއޯތަކާއި މުޖުތަމައުގެ ހަރަކާތްތަކުގައި މީގެ ކުރިން ކޮށްފައިވާ ތަޖުރިބާތަކަށް އިވެލުއޭޓް ކުރުމުގެ މަރުހަލާގައި ބެލޭނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތައް ބެލުމަށް ޕްރީ ސްކްރީނިން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ޝަރުތު ހަމަވާ ފަރާތްތަކާ އެކު ފޯނު އިންޓަވިއުކޮށް، ޝަރުތު ހަމަވާ މިންގަނޑުތަކާ އެއްގޮތަށް މާކްސް ލިބޭނެއެވެ. ޕްރޮގްރާމްގެ ކޮންމެ ބެޗެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެންމެ މަތިން މާކްސް ލިބޭ 35 ފަރާތަށެވެ.

ޝަރުތުތައް:

• ދިވެހި އަންހެނަކަށްވުން.

• އުމުރުން 25 އަހަރުން މަތީގެ މީހަކަށްވުން.

• ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށްވުން.

• އިވެންޓްގެ ހުރިހާ ދުވަހެއްގެ ހުރިހާ ސެޝަނެއްގައި ބައިވެރިވެވުން.

• މި ޕްރޮގްރާމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ވަނީ ކަނޑައެޅިފައެވެ. ހުރިހާ ބައިވެރިންވެސް އެ އެފަރާތަކަށް އެހީތެރިވެދޭނެ ޓްރާންސްލޭޓަރެއް، ހެލްޕަރެއް ނުވަތަ ސައިން ލެންގުއޭޖް އިންޓަރޕްރޭޓަރެއް ފަދަ އިތުރު ޝަރުތުތަކެއް ވާނަމަ އެކަން ބަޔާންކޮށްދޭންވާނެއެވެ. އެ އަދި މިފަދަ ފަރާތްތަކަށް ބޭނުންވާނެ ވަސީލަތްތައް މުޅި ޕްރޮގްރާމުގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ ޕްރެކްޓިސް ޕާލިމެންޓް ޕްރޮގްރާމް ތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 116 އަންހެނުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ 21 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ސިލްސިލާގެ މަގުސަދަކީ ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުތަކުގައި ބަދަލު ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށްވެ، އިންތިޚާބުކުރެވޭ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.