ކޮންމެ އަހަރަކު ދެމުން އަންނަ "ރެހެންދި އެވޯޑު"އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައި ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ. މިއެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީން ދެއްވަމުން އަންނަ އެވޯޑެކެވެ.

މިއީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަގުސަދުގައި ދެއްވާ އެވޯޑެކެވެ.

މި އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

1. ވަކި ވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ދާއިރާ

  • ލީޑަޝިޕް އަދި ގަވަރނަންސް
  • އިޤްތިޞާދީގޮތުން ބާރުވެރިކުރުން
  • އިޖުތިމާޢީގޮތުން ބާރުވެރިކުރުން
  • އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ "ނޮން-ޓްރެޑިޝަނަލް ރޯލްސް"

2. އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ – ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

މި އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މަޢުލޫމާތު، އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އަދި އުސޫލު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް ވެސް ލިބެން ހުންނާނެއެވެ. މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.