ޝްރީލަންކާގެ މެޓްރޯޕޮލިޓަން ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޑރ. މުހައްމަދު ވަހީދު ޝަރަފްވެރިކޮށްދެއްވައިފިއެވެ. ކޮލޮމްބޯގެ ''ނެލުމް ޕޮކުނަ މަހިންދަ ރާޖަޕަކްސަ ތިއޭޓަރ''ގައި ބޭއްވި މިރަސްމިއްޔާތު އޮތީ މިމަހު 12 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ލަންކާގެ ބައެއް ކެބިނެޓް މިނިސްޓަރުންނާއި، ޕާލިމެންޓް މެމްބަރުންނާއި އަދި ބޭރު ގައުމުތަކުގެ ސަފީރުންވެސް ބައިވެރިވެވަޑައިގަތެވެ.

ޑރ. މުހައްމަދު ވަހީދުގެ ވާހަކަފުޅުގައި، ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ، މިވަގުތު އެ ގައުމަށް ދިމާވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާއީ ދަތިތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށްވެސް އުއްމީދު ކުރައްވާކަަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑރ. ވަހީދުގެ އިތުރުން، އެމަނިފާނުގެ އަނބިކަނބަލުން އިލްޙާމް ހުސެއިންވެސް ބައިވެރިވެވަޑައިގަތެވެ.

ޑރ. މުހައްމަދު ވަހީދު މިހާރު ލަންކާއަށް ކުރަށްވަމުންގެންދާ މި ދަތުރުފުޅުގައި، ލަންކާގެ ރައީސް ހިޒް އެކްސެލެންސީ ރަނިލް ވިކްރަމަސިންހައާއި، ކުރީގެ ދެ ރައީސުންގެ އިތުރުން ޚާރިޖީ ވަޒީރާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި، ޕާލިމެންޓް މެމްބަރުންނާއި، އެހެނިހެން ސީނިއަރ ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

އަދި މީގެއިތުރުން، ރާއްޖޭގެ އެންމެފަހުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުންނާއި، ރާއީސް ޔާމީނަށް އިންސާފު ހޯދައި ދިނުމުގައި ހުރި ހުރަސްތަކާއި ގުޅޭގޮތުންވެސް ޑރ ވަހީދު ވަނީ އެބޭފުޅުންނާ މަޝްވަރާކުރައްވާފައެވެ.