ޤާނޫނު ތަންފީޒުކުރާ އިދާރާތްތަކަށް ކުރިއަށްގެންދާ "އެއާޕޯޓު އިންޓަރޑިކްޝަން ޓްރެއިނިންގ'' ކޯސް ފަށައިފިއެވެ. އިއްޔެ ފެށި މި ކޯސް މިމަހު 19 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާ އަދި އެމެރިކާގެ އެންޓި-ޓެރަރިޒަމް އެސިސްޓެންސް އޮފީސް ގުޅިގެން ކުރިއަށްގެންދާ ކޯހެއްކަމަށެވެ.

މި ކޯހުގައި، އެއަރ އިންޓަރޑިކްޝަން އޮޕަރޭޝަންތަކުގައި ކުރިއަރަމުން އަންނަ ތަހުގީގުކުރުމުގެ އުކުޅުތައް އުނގަންނައި ދެވޭނެއެވެ. އަދި ކޮންޓްރަބޭންޑް އިންޓަރޑިކްޝަން އޮޕަރޭޝަންސް އަދި އެއާޕޯޓު ސެކިއުރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، އެނަލައިސިސް، ކޮމްޕިއުޓަރ ބޭސްޑް އިންފޮމޭޝަން ސިސްޓަމް، ކޮންޓްރަންޑް ކޮރިއަރ، ޓްރެފިކިން ޓްރެންޑްސް އަދި ހިއުމަން ޓްރެފިކިންގއާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް މުދާ އެތެރެކުރުން ހުއްޓުވުމަށާއި އެކަމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި، ބަލްކް ކަރަންސީ އަދި ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަތުމާއި، ޕެސެންޖަރ ޓާގެޓިންގ ހެދުމާއި، އިލެކްޓްރޯނިކް މީޑިއާ / ޑިވައިސް އެގްޒަމިނޭޝަން ހެދުމާއި، ކަވަރ އޯޕްރެޝަންސް އަދި އިންޓެގްރޭޝަން ޓެކްނިކްސްގެ މައުލޫމާތުވެސް ހިއްސާކުރެވޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ކޯހުގައި ޖުމްލަ 37 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެއީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނެވެ.