ކެމްބޯޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން، މިއަދުގެ މަޝްވަރާތަކުގައި ފާޅުކުރައްވާފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ކެމްބޯޑިއާ ދެމެދު މިއަދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް ކަމަށެވެ. "އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން،" ރައީސް ވިދާޅިވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމަކަށްވާތީ ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މިއަދުވަނީ މަޝްވަރާ ކުރައްވާފައި ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާއަށް އެކްސްޕޯޓް ކުރުމާ ބެހޭގޮތުން ވެސް އެގައުމުގެ ބޮޑުވަޒީރު ސަމާޑެކް އައްކާ މޮހާ ސޭނާ ޕަޑެއި ޓެޗޯ ހުން ސެން އާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.