ކެމްބޯޑިއާގެ ބޮޑުވަޒީރަކީ، ތަޖުރިބާކާރު ސިޔާސީ ވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައި ރައީސް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރަކީ ރާއްޖޭގެ ނުހަނު ގާތް އެކުވެރިއެއް ކަމަށެވެ.

އެމަނިކުފާނުގެ ޤާބިލް ޒަޢާމަތުގައި އެގައުމު ވަނީ ވަނީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ނުތަނަވަސްކަމުން އަރައިގެންފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކޮވިޑް ވެކްސިން ޖަހާފައިވާ އާބާދީގެ ނިސްބަތް އެގައުމުގައު އިތުރުކުރުމާއި، ހަރުދަނާ އިގްތިސާދީ ސިޔާސަތާއެކު، ކެމްބޯޑިއާ މިވަނީ އެ ވަބާއިން އަރައިގަނެފައި ކަމަށްވެސް ވިދާޅުވިއެވެ. އެ ވަބާއިން އަރައިގަނެ އެ ގައުމު ދުނިޔެއަށް ހުޅުވާލުމަކީ އެ މަނިކުރާނު ކުރެއްވި މުހިއްމު މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ދޭހާސްވިހަވަނައަހަރުގެ ޖުލައި މަހުގައި ރާއްޖެއިން ވެސް ބޯޑަރުތައް ހުޅުވާލައި، އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަތުމުގެ އިތުރުން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބޭނުންކުރި ސިޔާސަތުތަކަކީ، ކެމްބޯޑިއާއިން ވެސް ބޭނުންކުރި ސިޔާސަތުތަކާ ދާދި އެއްގޮތް ސިޔާސަތުތަކެއް،" ރައީސް ވިދާޅުވިއެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ގެންގުޅުއްވާ މާލީ ހަރުދަނާ ސިޔާސަތުތަކާއި، ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކުރުވާ ފަދަ މާޙައުލަކާއެކު، އެގައުމުގެ އިގްތިސާދު މިހާރުވަނީ އެ ސަރަޙައްދުގައި ވެސް އެންމެ އަވަހަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދަށް ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއެކޭ އެއްފަދައިން، ކެމްބޯޑިއާއަކީ ވެސް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގެ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއް. ތަޖުރިބާ ހިއްސާކުރުމާއި ފަންނީ ގާބިލްކަން ކުރިއެރުވުމާއި، ތަމްރީނު ފޯރުކޮށްދިނުން ފަދަ، ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާ ކުރުވަނިވި ކިތަންމެ ކަމަކުން، އަޅުގަނޑުމެން ދެގައުމަށް ވެސް އެއް ބަޔަކު އަނެއް ބައެއްގެ ކިބައިން ދަސްކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.