ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށެވެ.
މިއަދު މެންދުރުފަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިފަކުރެއްވިއެވެ. އަދި މިއަހަރަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 28 އަހަރު ފުރޭ އަހަރުކަން އެ މަނިކުފާނު ފާހަގަކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގާތުން ގުޅިގެން މަސައްކަތްކުރުމާއި އަދި ދެޤައުމުން ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކުން ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް އެދޭކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފައިކަމަށެވެ. އަދި ދަނޑުވެރިކަމާއި މަތީ ތަޢުލީމާއި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންތައް ވަރުގަދަ ކުރުމާގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތަޢުރީފުކުރައްވައިފައިވެއެވެ. އަދި މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމަކީ ދެ ޤައުމަށްވެސް އެކަމުގެ މަންފާކުރާނެ ކަމެއްކަން ފާހަގަކުރަށްވާ، އިއާދަކުރަނިވި ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި އިޤްތިޞާދު ސިންދަފާތު ކުރުންފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ދެޤައުމުގެ އެންމެ އިސްވެރިންގެ ދަތުރުފުޅުތަކަކީ ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތަކަށް ގެންދިއުމަށް މަގު ފަހިވެގެންދާނެ މުހިންމު ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ ދެ ޤައުމަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އަދި އަދި މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދެ ޤައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅުން ބަދަހިކުރުމަށް މަގުކޮށިގެންދާނެ މަޝްވަރާތަކެއްކަމުގައި ޔަޤީންކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްއާ ކެމްބޯޑިއާގެ ބޮޑުވަޒީރު މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ކެމްބޯޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިޔަށް އޮތްތަނުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށާއި މިހާރު ގުޅުން ޤާއިމުކޮށްފައިވާ ދާއިރާތަކާއި އިތުރު ދާއިރާތަކުން ދެޤައުމުގެ ދެމެދު ގުޅުންތައް އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.