މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިމަހު ވިހި ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައިފި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ :

  • ޤާނޫން ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާއިން ލިބިދޭ ބާރުތަކާއި 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ޚިދުމަތްތައް ދިނުން
  • ޤާނޫނު ނަންބަރު 2010/11( އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މާލެ ސިޓީއަކީ އަމާންކަމާއި، ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުން
  • ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 152 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކާއި، އުސޫލުތައްހަދައި، ހންގުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއަށް ލިބިދީފައިވާ ބާރުގެދަށުން "މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިންގ ސެކިއުރިޓީ ޚިދުމަތް" ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުޞޫލުގެ ދަށުންނެވެ.

މާލެ ސިޓީ ކަައުންސލުން ވިދާޅުވީ މި އުޞޫލު އާންމުކޮށް އަންގާ ޢިއުލާން ކުރެވިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަޞޭޙަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައެވެ.

މީގެ އިތުރުން އެ ކައުންސިލުން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ހަތާވީހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންކަމަށެވެ. އެގޮތުން ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުނި އެޅުން މަނާ ސަރަޙައްދުތައް ފާހަގަވާނެހެން ބޯޑުތައްވެސް ވަނީ ހަރުކުރެވިފއެވެ. ނަމަވެސް އެސަރަޙައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން މާލެ ސިޓީ ކައުންސިލަށް ފާހަގަވުމާއިއެކު ގެޒެޓް ކުރެވިފައިވާ " މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް" ދިނުމުގެ އުޞޫލު ގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ މިމަހު 20 ވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

މިގޮތުން ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައި ކަމަށާއި އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ މި އުޞޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ސާފުތާހިރު އަމާން ސިޓީ އަކަށް ހެދުމަށްޓަކައި މާލެ ސިޓީއިން ކުރިއަށްގެންދާ މި މަސައްކަތުގައި އާންމުންގެ ފަރާތުން މިހާރުވެސް އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން އެއްވެސް ސަރަޙައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރެވޭނެއެވެ.