ރާއްޖޭގެ ކޯސްޓް ގާޑުން މި އަހަރު ހިންގާ ބޭސިކް ޑައިވް ކޯހުގައި، ކެމްބޯޑިއާގެ ސިފައިންގެ އޮފިސަރުން ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއިން މިހާރުވަނީ ދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެބްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގައެވެ.

އެފުރުސަތުގެ އިތުރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ތައުލީމް ހާސިލުކުރުމުގެ ދެ ސްކޮލަރޝިޕް ފުރުސަތު ކެމްބޯޑިއާއަށް ދިނުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ފތަފާތު ރިސޯޓްތަކުގައި، އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ 20 ފުރުޞަތު ކެމްބޯޑިއާއަށް ދިނުމަށް އިއްޔެގެ ބައްދަލުވުމުގައި ހުށަހެޅުއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

"ކެމްބޯޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ އިތުރުން، ކެމްބޯޑިއާއާއި ރާއްޖެއާ ދެމެދު މަޝްވަރާ ކުރުމާއި، ވިސާ މައާފްކޮށްދިނުމާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އިގްތިސާދީ ތަރައްގީގެ ދާއިރާއިން ވަނީ ޖުމްލަ 6 އެއްބަސްވުމެއްގައި ސޮއިކޮށްފައި. އޭގެ އިތުރުން، ދެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމުއިއްޔާގެ މެދުގައިވެސް ވަނީ އެމް.އޯޔޫ.އެއްގައި މިއަދު (އިއްޔެ) ސޮއިކޮށްފައި،" ރައީސް ވިދާޅުވިއެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ މުސްތަގުބަލަށް އުޖާލާކަން ގެނުވައިދޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގުޅުން އިތުރަށް ދިރުވައި އާލާކޮށް ހަރުދަނާ ކުރުމަކީ ވަރަށްބޮޑަށް އިސްކަންދެއްވާނޭ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ އާސިއާންގެ އޮބްޒަރވަރ ގައުމަކަށްވުމަށްޓަކައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް މިއަހަރު ހަގީގަތަކަށްވާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް، ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކެމްބޯޑިއާއަކީ ގާތްގަނޑަކަށް ތިން ޕަސެންޓް މުސްލިމުން އުޅޭ ޤައުމަކަށްވާއިރު، އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަންގެ އޮބްޒަރވަރ ޤައުމެއްގެ ގޮތުގައި ބައިވެރިވުމަށް ކެމްބޯޑިއާ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި. އެކަމަށްޓަކައި ކެމްބޯޑިއާއިން އެ ކުރާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑު ވާނީ ކެމްބޯޑިއާގެ ބޮޑުވަޒީރަށް ދަންނަވާފައި،" ރައީސް ވިދާޅުވިއެވެ.