މި ސަރުކާރުގެ ދައުރު ނިމިގެންދާއިރު ވެސް ރައްޔިތުންނަށް އެއްވެސް އުފާވެރިކަމެއް އައިސްފައި ނުވާކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިވި ސަރުކާރެއް ކަމަށެވެ. އެހެން ނަމަވެސް އުންމީދުކުރި ނަތީޖާއެއް ނުފެނުނު ކަމަށެވެ. "ސަރުކާރުން އަޅުގަނޑުމެންނަށް އުފާވެރިކަމެއްނައި. މަސްވެރިން އެތިބި ހާލުގައި. ދަނޑުވެރިން އެތިބީ ހާލުގައި. އެއާޕޯޓު މިއޮތީ އޮތްވަރު. މިހެން ދަންނަވަންޏާ ރަނގަޅު ކަމެއްގެ ވާހަކަނެތް ބުނެވޭކަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި މަސްވެރީންނާއި ދަނޑުވެރިންނަށް އުފާވެރިކަން ގެނެސްދެއްވާނޭ ކަމަށެވެ. ދިމާވެފައިވަ ދަތިކަން ހައްލުކޮށްދެއްވާނޭ ކަމަށެވެ. އެކަންކަން ކުރައްވާނީ ވާހަކައިން ނޫންކަމަށާއި އަމަލުން އެކަން ދައްކަވާނޭ ކަމަށް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ކިރޭނެ އިންތިޒާމް ހަމަޖައްސަވައިދީ ފުރިހަމަ އަގުވެސް އެމީހުންނަށް ދެއްވާނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަންކަން ކުރައްވާނީ ދިރާސާތައް ހައްދަވައި މައްސަލަ ދިމާވާ ހިސާބު ދެނެގަނެގެން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.