3864 އެއީ ރާއްޖެއަށް އިއްޔެ އައި ފަތުރުވެރިން އަދެދެވެ. މިއީ ފުރަބަންދަށް ފަހު ބޯޑަރު ހުޅުވާލި ފަހުން އައި ރެކޯޑް އަދަދެކެވެ.
4 ގަޑިއިރު، އެއީ، ދިގު ދަތުރަކަށް ފަހު ފަތުރުވެރިން އައިސް އެއަރޕޯޓްގައި އެމީހުންގެ ހޮޓަލަށް ދިއުމުގެ ކުރިން އެކި ކަންކަމުގައި މަޑު ކުރަން ޖެހޭ ވަގުތެވެ. މިކަމާ ގުޅިގެން މީހުން ދަނީ ޝަކުވާ ކުރަމުންނެވެ.
3 އެއީ ސުޕްރީމް ކޯޓުން އިއްޔެ ބާޠިލް ކޮށްފައިވާ އެ ކޯޓުގެ ކުރީގެ ސާރކިއުލާރ ތަކުގެ އަދަދެވެ.
230 މިލިއަން އަކީ މަހުޖަނު ގާސިމް އިބްރާހީމް މީހެއްގެ އަތުން ނެންގެވި ރުފިޔާގެ އަދަދު ކަމަށް ތިމަރަފުށީ މުސްތަފާ ވިދާޅުވާ އަދަދެވެ. މިއަށް ގާސިމް އިންކާރު ކުރައްވައެވެ.
6 މީހަކު އެއީ، ކުޑަކުދިންގެ ހިޔާ ގައި ތިބޭ ކުދިންނަށް އަނިޔާކުރި މައްސަލާގައި ދައުވާކުރަން ޕީޖީން ފޮނުވާފައިވާ މީހުންގެ އަދަދެވެ. މިމައްސަލަކީ ޕީޖީގެ ސަމާލުކަމަށް އައިސްގެން ޕީޖީއަށް ގާނުން ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް ތަހުގީގު ކުރަން އެންގުމުން ކޮށްފައިވާ ތަހުގީގަށް ފަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައެކެވެ.
9.4 ޕަސެންޓް މިއީ އެޗްއާރްސީއެމްއާ ބެހޭ ގޮތުން ރާއްޖޭގައި އުޅޭ އުޅޭ ބިދޭސީންގެ ތެރޭން އެޗްއާރްސީއެމް ދަންނަ މީހުންގެ އަދަދެވެ.
72.8 މިއީ ދިވެހިންގެ ތެރޭން އެޗްއާރްސީއެމް އަކީ ކޮންކަމެއް ކުރާ ތަނެއްކަން ދަންނަކަމަށް ބުނާ މީހުންގެ އަދަދެވެ. އެޗްއާރްސީއެމްއިން ހެދި ސާރވޭ ދައްކާ ގޮތުން އެޗްއާރްސީއެމްއާ ބެހޭގޮތުން މީހުންނަށް އެނގުނު ވަރަކަށް އެ މުއައްސަސާގެ މަގްބޫލުކަން މީހުންގެ މެދުގައި ދަނީ ދަށް ވަމުންނެވެ.
204 މިލިއަން ރުފިޔާއަކީ މިދިޔަ ނޮވެންބަރު މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީއެވެ. ކަސްޓަމްސްއަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ތަނުން ދަށްވެފައި ވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި 303 މިލިއަން ރުފިޔާ ވަދެފައި ވެއެވެ. އަދި މިދިޔަ ނޮވެމްބަރުގައި 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު މިއަހަރުގެ ނޮވެމްބަރުގައި އިމްޕޯޓް ކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 417 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު މި އަހަރުގެ ނޮވެމްބަރު މަހު އެކްސްޕޯޓް ކޮށްފައި ވަނީ 224 މިލިއަން ރުފިޔާގެ މުދަލެވެ.
1966 އަކީ، މިދިޔަ 24 ގަޑިއިރު ތެރޭ ނެގި ކޮވިޑް19ގެ ޓެސްޓް ސާމްޕަލްގެ އަދަދެވެ. މިއިން ފައްސިވެފައިވާ ކަމަށް ދައްކަނީ 22 ސާމްޕަލް އެވެ.