ރާއްޖޭގައި ޑްރަގް ޑިޓޮކްސިފިކޭޝަން އަދި ރީހެބިލިޓޭޝަން ސެންޓަރުތައް ޤާއިމްކުރުމާއި، އިންޑިއާގެ ވިޒިޓިންގ ޑޮކްޓަރުންނާއި ސައިކޭޓްރިސްޓުން މެދުވެރިކޮށް ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމާގުޅޭގޮތުން މަޝްވަރާކުރައްވާފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ މެންދުރުފަހު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި ބައްދަލު ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވިއެވެ.

ނައިބު ރައީސްއާއި، އިންޑިއާގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި ރާއްޖޭގެ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމާއި، ވޮކޭޝަނަލް ޓްރެއިނިންގގެ ދާއިރާއާއި އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ސްޓާޓް އަޕް އިންކިއުބޭޓަރސް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ ތަމްރީނުތައް ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖެއަށް ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަން ފާހަގަކުރައްވަމުންނެވެ.