ޗައިނާއަށް ދަރާފައިވާ ގައުމުތަކުން ޗައިނާއަށް ދަރަނި ނުދެއްކިގެން ހާލު ބޮޑުވާކަމަށް ސައުތު ޗައިނާ މޯނިގް ޕޯސްޓުން ރިޕޯޓްކޮށްފިއެވެ. ވޫހާނުން އުފެދުނު ކޮރޯނާ ވައިރަސްގެ ސަބަބުން ގައުމުތަކަށް ޗައިނާއަށް ދަރަނި ނުދެއްކިއްޖެނަމަ ގައުމުތަކުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެކަމަށް ހުޅަނގުގެ އެތައް ފަރާތަކުން ވަނީ ކުރިން އިންޒާރުކޮށްފައެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓްގައި 16 ވަނަ ދުވަހު ލިޔެފައުވާ ރިޕޯޓްގައި ވަނީ ޗައިނާއިން ގައުމުތައް އަތްދަށުލާންވެގެން ހިންގާ، ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން 8 ޓްރީލިއަން އެމެރިކާ ޑޮލަރު އެކި ގައުމުތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް އަންދާސާ ކުރެވެއެވެ. ސަތޭކައަށް ވުރެން ގިނަ ގައުމުގައި ޗައިނާއިން ކޮށްފައިވާ މި އިންވެސްޓްމެންޓްތަކަކީ ޗައިނާއަށް ފަހިވާ ގޮތަށް އެގައުމުތަކަށް ދަރަނި ނުދެއްކޭފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ އަތް ދަށު ލެވޭ ގޮތަށް ހަދާފައިވާ އެސްބަސްވުންތަކުގެ ދަށުން ކޮށްފައިވާ އިންވެސްޓްމެންޓްތަކެކެވެ. އެފްރިކާއާއި އޭޝިއާއާއި ލެޓިން އެމެރިކާއިން ގޮސް ޔޫރަޕްގައި ޗައިނާއިން އިންވެސްޓްމެންޓްތައް ކޮށްފައި އެބަހުއްޓެވެ.

ދަރަނި ދީގެން ހިންގާފައިވާ މަޝްރޫއުތައް

ސެންޓާ ފޯ ގްލޯބަލް ޑިވެލޮޕްމެންޓުން ބުނާ ގޮތުގައި ބެލްޓް އެނޑް ރޯޑް މަޝްރޫއުގެ 68 މަޝްރޫއުގެ ތެރޭން 15 މަޝްރޫއަކީ ވޫހާން ކޮރޯނާ ވައިރަސްއާ ގުޅިގެން އިގްތިސާދީ ހީނަރުކަން ކުރިމަތިވެފައިވާ ގައުމުތަކަށް ބުރަ އުފުލަން ޖެހިފައިވާ ދަރަންޏެވެ. ޗައިނާގެ ވާލު ރޯގާއާ ހެދި ދުނިޔެ ވަނީ ހުއްޓުމަކަށް އައިސްފައެވެ. ގައުމުތަކުގެ އިގްތިސާދީ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ހިމެނޭ ގައުމުތަކަށް ކޮވިޑް19 ކާރިސާއަށް ވުރެން ކުރިމަތިވާން އޮތް އިގްތިސާދީ ކާރިސާ މިހާރު ވަނީ ބޮޑު ވެފައެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓް ބުނާ ގޮތުން އެފްރިކާގައި ނައިޖަރުއާއި އެންގޯލާއަކީ ވަރަށް ބޮޑަށް އަސަރުކުރާނެ ދެ ގައުމެވެ. މާނައަކީ ޗައިނާއަށް ދަރަނި ދެއްކުމުގައި މި ދެ ގައުމަށް އުދަގޫވާނެއެވެ. ޗައިނާއާ ގާތް ސަރުކާރެއް އޮންނަ އެކުއެޑޯރއާއި ވެނެޒުއެލާއަށްވެސް ޗައިނާއަށް ފައިސާ ދައްކަން އުދަގޫވާނެއެވެ. އޭޝިއާގެ ގައުމުތަކުގެ ތެރޭން ލާއޯސްއާއި ކެމްބޯޑިއާއާއި ކިރިގީޒިސްތާން ވެސް ޗައިނާއަށް ފައިސާ ދެއްކުމަށް ނުކުޅެދޭނެއެވެ.

ދަރަނި ބޮން އެކި އިދާރާތކުން ހިސާބުކޮށްފައިވާ ގޮތް

ޗައިނާއިން ނަގާފައިވާ ދަރަނި ނުދެއްކިއްޖެނަމަ ދެންވާނެ ގޮތުގެ އިންޒާރު ދުނިޔޭގެ އެތައް ފަރާތަކުން މީގެ ކުރިން ދީފައި ވެއެވެ. އަމަލީ ގޮތުން މިކަން ފެނިގެން ގޮސްފައިވަނީ ސްރީލަންކާއިންނެވެ. ޗައިނާއަށް ފައިސާ ނުދެއްކިގެން ލަންކާގެ ހަމްބަންޓޯޓާ ޕޯޓް ވަނީ ޗައިނާއަށް 99 އަހަރަށް ކުއްޔަށް ދޭން މަޖުބޫރުވެފައެވެ.

‘ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ޗައިނާއަށް ގައުމުތަކުން ދައްކަން އޮތް ފޮރުވިފައިިވާ ދަރަނީގެ ޖުމުލަ އަދަދަކީ، 380 ބިލިއަން ޑޮލަރެވެ. މިއީ ވޫހާން ކޮރޯނާ ވަބާގެ ކުރިން ލަފާކޮށްފައިވާ އަދަދެކެވެ. ޗައިނާއިން ގައުމެއް ދަރުވާލާއިރު ޝަރުތުކޮށްފައިވަނީ ޗައިނާއިން ނަގާ ދަރަނީގެ ފައިސާ ޗައިނާއިން ބުނާ ކުންފުނިތަކަކަށް މަސައްކަތްދޭ ގޮތަށް ނެގުމަށެވެ. މިގޮތަށް ޗަައިނާއިން ބުނާ ކުންފުނިތަކަށ ްމަސައްކަތް ދިނުމުން މި ފައިސާ ޗައިނާއަށް ވަށާ ޖައްސާލެވެއެވެ. ޗައިނާއިން ބުނާ ކޮންޓްރެކްޓަރުންގެ ތެރޭގައި ހިމެނެނީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. އެއީ، ހުއާވެއިއާއި ޒެޓްޓީއީއާއި ޗައިނާ ހާބާ އިންޖިނޭރިންއާއި ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕޮރޭޝަންފަދަ ބިޔަ ކުންފުނިތަކެވެ. އަދި ޗައިނާއިން ދަރަނި ދޫކުރާ އިރު ގައުމުތަކުން ބަހައްޓަން ޖެހޭ ރަހުނަކީ އިންތިހާއަށް އަގުބޮޑު ބޮޑެތި ރަހުނެވެ.

ބޮޑަށް ދަރާފައިވާ ގައުމުތައް