ވިލިމާލޭގައި ބަގީ ޚިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން އެ އަވަށުގައި ބަހުގެ ޚިދުމަތް ފަށަނީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 85 ވަނަ ޖަލްސާގައެވެ.

މޭޔަރު ވިދާޅުވީ އެކަމަކީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ސިޓީކައުންްސިލުން ކުރަމުންް އަންނަ މަސައްކަތެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެކަން ކުރިއަށްގޮސް ހަމަޖެހެނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމީ ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަދުވަހު ރަސްމީ ސިޓީއަކުން މާލެ ސިޓީ ކައުންސިލަށް ހުއްދަވެސް ދެއްވާފައެވެ. މޭޔަރު ވިދާޅުވީ ކައުންސިލުން މި ޚިދުމަތް ދޭން ނިންމީ އޮންނަ ނިޒާމްގެ ތެރެއިން ސަރުކާރާ ގުޅިގެންކަމަށެވެ. އަދި ފެނިގެން މިދިޔައީ މި ޚިދުމަތް ތަންފީޒު ކުރުމުގެ ފަހު މަރުޙަލާގައި އޮއްވާ ކުއްލިއަކަށް ސަރުކާރުގެ ކުންފުނި އެމްޓީސީސީއިން ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމިތަން ކަމަށް ވެސް މޭޔަރުވިދާޅުވިއެވެ. އެއީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މި މައްސަލައިގައި އެމްޓީސީސީ ސީއީއޯ އާއިވެސް ވާހަކަ ދެކެވުނު ކަމަށެވެ. ދެކެވުނު ވާހަކައިން ދޭހަވީ ސަރުކާރުން ކުއްލި އަމުރެއް ނެރެ މަޖުބޫރުކޮށްގެން ފަށަން އުޅޭ ޚިދުމަތެއްގެ ގޮތުގައި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ބޭރުން ސަރުކާރުން ކަންކުރާނަމަ އެ ޤާނޫނުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ. މޭޔަރުގެ އިތުރުން ޑެޕިއުޓީ މޭޔަރާއި އިތުރު ކައުންސިލަރުންވެސް ވަނީ މި ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމާއި ދެކޮޅަށް އަޑު އުފުލާފައި ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.