މިއަހަރުގެ ޖޫން 20 އިން ޖުލައި 2 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިޔާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕަށް ސީނިއަރ ގައުމީ ޓީމު މިފަހަރު ނޮފުނުވަން އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ.

އިންޑިޔާ ފުޓްބޯޅަ ފެޑެރޭޝަން މިގޮތަށް ނިންމާފައިވާ ވަނީ މިއަހަރަށް އެގައުމުން ނެރެނު ކުޅިވަރު ކަލަންޑަރުގައެވެ. ކުޅިވަރު ކަލަންޑަރުގައި ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާނެ ޓީމުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 23 އަހަރުން ދަށުގެ ޓީމެވެ.

އިންޑިޔާގެ ސީނިއަރ ގައުމީ ޓީމު، ސާފް ޗެމްޕިއަންޝިޕް އޮންނަ ދުވަސްވަރު ވާދަކުރާނީ ނެހްރޫ ކަޕުގައެވެ. ނެހްރޫ ކަޕަކީ އިންވިޓޭޝަނަލް މުބާރާތެއްގެ ގޮތުގައި އެގައުމުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އިންޑިޔާގެ ފުޓްބޯޅައިގެ ފުންނާބު އުސްފަރާތްތަކާއި މިހާރުގެ ކެޕްޓަން ސުނިލް ޗެތުރީގެ ނަޒަރުގައިވެސް ސާފް ޗެމްޕިއަންޝިޕަށް ފޮނުވުން އެންމެ ރަނގަޅީ 23 އަހަރުން ދަށުގެ ޓީމެވެ. ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު އިންޑިޔާގެ ސީނިއަރ ޓީމުގެ ލެވެލް މާމަތިކަމަށް މިފަރާތްތަކުން ނުސީދާކޮށް އެކިފަހަރު މަތިން މީގެ ކުރިންވެސް ވަނީ ވާހަަކަ ދައްކާފައެވެ.

އެކަން އެގައުމުން ވަނީ ސާބިތުވެސް ކޮށްދީފައެވެ. 2009 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށް އިންޑިޔާއިން ތަށި އުފުލާލީ 23 އަހަރުންދަށުގެ ގައުމީ ޓީމު ގޮވައިގެން އައިހެވެ. އެކަމަކު އޭގެ ކުރީ އަހަރު އިންޑިޔާގެ ސީނިއަރ ޓީމު 1-0 އިން ބަލިކޮށް ތަށި ހޯދީ ރާއްޖެއިންނެވެ.