ޤިޔާމަތުގެ ތާޅަފިލީގެ ވާހަކަ، ކީރިތި ޤުރްއާނާއި ސުންނަތުން ވަނީ، ޚަލްޤުތަކުންނަށް އަންގަވާފައެވެ. އަދި އެއީ، އެއްވެސް ޝައްކެއްނެތި ހިނގާނެ ކަމެއްކަމަށް، މުސްލިމުން އީމާންވާން ޖެހެއެވެ.
ތާޅަފިލި ފުމެލައްވާނީ، إِسْرَافِيْلُ عَلَيْهِ السَّلاَمُ އެވެ. އެއީ، ޢަރްޝި އުފުއްލަވާ މަލާއިކަތުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަލާއިކަތެކެވެ. އެ ބޭކަލުންގެ ހައިބަވަންތަ ކަމުގެ ވާހަކައަކީ، ބިރުންގޮސް ހިތްތައް ވިރިގެންދާފަދަ ވާހަކަތަކެކެވެ. ނަމަވެސް އެ ބޭކަލުން ﷲ ތަޢާލާ އަށް ބިރުވެތިވާ މިންވަރުގެ ބޮޑުކަން، ހަމަ އެކަނި إِسْرَافِيْلُ عَلَيْهِ السَّلاَمُ އާމެދު ވިސްނާލިޔަސް ހާމަވެއެވެ. އެކަލޭގެފާނުގެ ބިރުވެތިކަން ހުރި މިންވަރަކީ، ތާޅަފިލި ފުމެލެއްވުމާ ޙަވާލުކުރެވުނީއްސުރެ އެކަލޭގެފާނު ވަނީ، ކަޅިޖެއްސެވުމެއްނެތި ޢަރުޝިއާ ދިމާއަށް ބައްލަވައިގެން، ﷲ ގެ އަމުރުފުޅު އަންނަ ވަގުތަކަށް ބިރުވެތިވެ އިންތިޒާރު ކުރެއްވުމުގައެވެ. އެކަލޭގެފާނުގެ ދެލޯފުޅުގެ ކަޅި ހީވަނީ، ރަންމުތުގެ ދެ ތަރިހެންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. «كَيْفَ أَنْعَمُ! وصَاحِبُ القَرْنِ قَدِ التَقَمَ القَرْنَ، واسْتَمَعَ الإِذْنَ مَتَى يُؤْمَرُ بالنَّفْخِ فَيَنْفُخُ ». (صحيح، رواه الترمذي وأحمد). މާނައީ: [ތިމަންކަލޭގެފާނު، އުފާކުރައްވާނީ ކިހިނަކުންހެއްޔެވެ؟ ތާޅަފިލި ފުމެލެއްވުމާ ޙަވާލުކުރެވިފައިވާ މަލާއިކަތާވަނީ އޭގައި އަނގަ ޖައްސަވައިގެންނެވެ. އެ ފުމެލެއްވުމުގެ އިޒުނަފުޅަށް އިންތިޒާރުކުރެއްވުމުގައެވެ. އެކަމުގެ އަމުރުފުޅު އައުމާއެކު އެ ފުމެލައްވާނެއެވެ.] ކީރިތި ރަސޫލާ ﷺ މި ޚަބަރު އަޞްޙާބު ބޭކަލުންނަށް ދެއްވުމުން، އެ ބޭކަލުން ވަރަށް ކަންބޮޑުވެވަޑައިގަތެވެ. އަދި ދެންނެވިއެވެ. ތިމަންބޭކަލުން ކުރައްވަންވީ ކޮންކަމެއްތޯއެވެ؟ އެހިނދު އެކަލޭގެފާނު އެ ބޭކަލުންނަށް އިރުޝާދު ދެއްވީ، މި ޚަބަރު ލިބިވަޑައިގެންފިނަމަ، "حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ"، މިފަދައިން ވިދާޅުވުމަށެވެ!]
ޤިޔާމަތުގެ ތާޅަފިލީގެ ޢަދަދާމެދު ޢިލްމުވެރިންގެ ދެ ރައުޔެއް ވެއެވެ.
ފުރަތަމަ ރައުޔަކީ، ތިން ތާޅަފިއްޔެވެ. އެއީ:
1- "نَفْخَةُ الفَزَعِ" (ނަފްޚަތުލް ފަޒަޢި): މިއީ އޭގެ އަޑަށް، ޚަލްޤުތަކުން ބިރުން ސިއްސުވައިލާ ތާޅަފިއްޔެވެ. މީގެ ދަލީލު އެ ބޭފުޅުން ދައްކަވަނީ، އަންނަނިވި އާޔަތުންނެވެ. وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ﴿٨٧﴾سورة النمل. މާނައީ: [ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ (އެހިނދު) ﷲ އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ.]
2- "نَفْخَةُ الصَّعِقِ" (ނަފްޚަތުއްޞަޢިޤި): މިއީ އޭގެ އަޑަށް ޚަލްޤުތަކުން ހޭނެތި މަރުވެގެން ވެއްޓޭ ތާޅަފިއްޔެވެ. މީގެ ދަލީލު އެ ބޭފުޅުން ދައްކަވަނީ، އަންނަނިވި އާޔަތުންނެވެ. وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ﴿٦٨﴾ سورة الزمر. މާނައީ: [ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ.]
މި އާޔަތުން ދޭހަވާ ގޮތުގައި، އުޑުތަކާއި ބިމުގައިވާ އެންމެން މަރުވުމަށްފަހުވެސް ﷲ އިރާދަކުރެއްވި ބަޔަކު، މަރުނުވެ ދިރި ތިބޭނެއެވެ. އެއީ، ޝަހީދުން ކަމަށް، ވާރިދުވެގެން އައިސްފައި ވެއެވެ. އަދި އަނެއް ބަސްފުޅެއްގައި ވާގޮތުން، އެއީ، ޢަރްޝި އުފުއްލަވާ މަލާއިކަތުންނެވެ. އަދި އެއީ جِبْرِيْلُ ގެފާނާއި، مِيْكَائِيْلُ ގެފާނާއި، إِسْرَافِيْلُ ގެފާނާއި، مَلَكُ الْمَوْتِ ކަމަށްވެސް ބުނެވެއެވެ. ނަމަވެސް މި ހުރިހާ ބޭކަލުންވެސް ﷲ ތަޢާލާ މަރުގަންނަވާނެއެވެ. އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ﴿٨٨﴾ سورة القصص. މާނައީ: [އެކަލާނގެ ވަޖުހުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ].
3- "نَفْخَةُ البَعْثِ" (ނަފްޚަތުލް ބަޢްޘި): މިއީ އޭގެ އަޑަށް ޚަލްޤުތަކުން އަލުން ދިރުއްވޭ ތާޅަފިއްޔެވެ. މީގެ ދަލީލު އެ ބޭފުޅުން ދައްކަވަނީ، އަންނަނިވި އާޔަތުންނެވެ. ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ﴿٦٨﴾سورة الزمر. މާނައީ: [ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ.]
ދެވަނަ ރައުޔަކީ، ދެ ތާޅަފިއްޔެވެ. މި ބޭފުޅުންގެ ނަޒަރުގައި އިސްވެ ދިޔަ ތިން ދަލީލުގެ ތެރެއިން، ފުރަތަމަ ދަލީލާއި ދެވަނަ ދަލީލުގައި އެވަނީ، ފުރަތަމަ ތާޅަފިލީގެ ވާހަކައެވެ. ވީމާ، ފުރަތަމަ ތާޅަފިއްޔާއެކު، ޚަލްޤުތަކުން ބިރުން ސިހިގެންގޮސް ހޭނެތިގެން މަރުވާނެއެވެ. އަދި ދެވަނަ ތާޅަފިއްޔާއެކު، ފުރާނައެޅި، އަލުން ދިރުއްވޭނެއެވެ.
ދެ ތާޅަފިލި ދެމެދުގެ މުއްދަތު:
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. «مَا بَيْنَ النَّفْخَتَيْنِ أَرْبَعُوْنَ. قَالُوا: يَا أَبَا هُرَيْرَةَ أرْبَعُوْنَ يَوْمًا؟ قَالَ: أبَيْتُ، قَالُوا: أَرْبَعُوْنَ شَهْرًا؟ قَالَ: أَبَيْتُ، قَالُوا: أَرْبَعُوْنَ سَنَةً؟ قَالَ: أَبَيْتُ، ثُمَّ يُنْزِلُ اللَّهُ مِنَ السَّماءِ مَاءً فَيَنْبُتُوْنَ، كَمَا يَنْبُتُ البَقْلُ. قَالَ: وَلَيْسَ مِنَ الإنْسَانِ شَيْءٌ إلَّا يَبْلَى، إلَّا عَظْمًا واحِدًا، وَهُوَ عَجْبُ الذَّنَبِ، وَمِنْهُ يُرَكَّبُ الخَلْقُ يَوْمَ القِيَامَةِ». متفق عليه. މާނައީ: [ދެ ތާޅަފިލި ދެމެދުގެ މުއްދަތަކީ ސާޅީހެވެ. އެ ބޭކަލުން ދެންނެވިއެވެ. އޭ، أَبُوْ هُرَيْرَة އެވެ! ސާޅީސް ދުވަސްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު، އިންކާރު ކުރައްވައިފީމެވެ. އެ ބޭކަލުން ދެންނެވިއެވެ. ސާޅީސް މައްސަރުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު، އިންކާރު ކުރައްވައިފީމެވެ. އެ ބޭކަލުން ދެއްނެވިއެވެ. ސާޅީސް އަހަރުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު، އިންކާރު ކުރައްވައިފީމެވެ. (މި ޙަދީޘުގައި، [ތިމަންކަލޭގެފާނު އިންކާރުކުރައްވައިފީމޭ] ، އޮތް ބަސްފުޅުން ދޭހަވަނީ، އެއީ، ސާޅީސް ދުވަސް ކަމެއް، ސާޅީސް މައްސަރު ކަމެއް، ސާޅީސް އަހަރުކަމެއް، އަބޫ ހުރައިރާ އަށް ޔަޤީންވެ ވަޑައިނުގަންނަވާ ކަމެވެ.) އެއަށްފަހު، ﷲ ތަޢާލާ، އުޑުން ފެނެއް ވެއްސަވާހުށްޓެވެ. ދެން ގަސްތައް ފަޅާފަދައިން، މަރުވެފައިވާ މީހުން، ދިރިގެން ތެދުވާހުށްޓެވެ. ޙަދީޘްކުރެއްވިއެވެ. އިންސާނާގެ ހަށިގަނޑުގައި، އެންމެ ކަށިގަނޑެއް ފިޔަވައި، ހަލާކުވެ ވެއްޔަށް ވެގެން ނުދާނެ އެއްވެސް އެއްޗެއް ނުވާހުށްޓެވެ. އެ ކަށިގަނޑަކީ، [ޓެއިލްބޯން] (tailbone) އެވެ. އަދި ޤިޔާމަތްދުވަހު ޚަލްޤުތަކުން ތަރުކީބުވާހުށީ އެއިންނެވެ.]
ޓެއިލްބޯން އާ ބެހޭގޮތުން ޖަރުމަނުގެ އެމްބްރިއޯލޮޖިސްޓެއް ކަމުގައިވާ، ހެން ސުޕީމަން (Hans Spemann) އާއި އޭނާގެ ދަރިވަރު، ދިރާސާކޮށް ހޯދިހޯދުންތަކުގެ ނަތީޖާގެ ސަބަބުން، އޭނާއަށް ވަނީ ނޯލްބެލް ޕްރައިޒް ލިބިފައެވެ. އެ ދިރާސާ ތަކުން ދައްކަނީ، ބަނޑުގައި އޮންނަ ދަރީގެ އޯގަންތަކާއި ތަފާތު ބައިތައް އުފެދުމުގެ ދައުރު އަދާކުރާ މަރުކަޒަކީ، ޓެއިލްބޯން ކަމެވެ.
(https://en.wikipedia.org/wiki/Hans_Spemann)
މިކަން މި ވަނީ، މީގެ ސާދަސަތޭކަ އަހަރު ކުރިން، ކީރިތި ރަސޫލާ ﷺ ގެ މި މަތިވެރި ޙަދީޘުން، ހާމަކޮށްދެއްވާފައެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އެކަލޭގެފާނާ ބެހޭގޮތުން ﷲ ތަޢާލާ، ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾ سورة النجم. މާނައީ: [އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ.]