ސައުދީގެ އޯލް ސްޓަރ ޓީމުން މާދަމާ ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅާނީ ރޮނާލްޑޯ ކަމަށް މެޗް އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.

މިމެޗް ވެގެންދާނީ ދުނިޔޭގެ ރެކޯޑް މުސާރައަކަށް މިދިޔަ މަހު ސައުދީގެ އަލް-ނަސްރަށް ބަދަލުވުމަށްފަހު ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗަށެވެ. ޕީއެސްޖީގައި ރޮނާލްޑޯގެ އެންމެ ވާދަވެރި ލިއޮނަލް މެސީ ހުރުމުން މިމެޗް ވެގެންދާނީ މިދެކުޅުންތެރިންގެ ކުރިމަތިލުމެއްގެ ގޮތުގައިވެސް ސޯޝިއަލް މީޑިޔާގެ އެކިއެކި ޕްލެޓްފޯމްތަކުގައިވެސް ދަނީ މެޗް ޕްރޮމޯޓް ކުރަމުންނެވެ.

ރޮނާލްޑޯ އާއި މެސީ އެއްކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެފައި ވަނީ މީގެ ތިން އަހަރެއްހައި ދުވަސް ކުރިންނެވެ. އޭރު ރޮނާލްޑޯ ކުޅެމުންދިޔައީ އިޓަލީގެ ޔުވެންޓަސްއަށެވެ. އަދި މެސީ ކުޅުނީ ސްޕެއިނުގެ ބާސެލޯނާއަށެވެ.

ސައުދީގެ އޯލް ސްޓަރ ޓީމުގައި ހިމަނާފައި ވަނީ އަލް ނަސްރުގެ ކުޅުންތެރިންގެ އިތުރުން ވާދަވެރި އަލް ހިލާލް ކުޅުންތެރިންނެވެ.

ނަސްރާއި ޕީއެސްޖީ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މާދަމާ ރޭ 22:00 ގައެވެ. މިމެޗް މީޑިޔާ ނެޓް މެދުވެރިކޮށް އައިސް ސްޕޯޓްސް (ޗެނަލް ނަންބަރ: 102) އިން ވަގުތުން ދައްކާނެއެވެ.