ރާއްޖެއާއި އިންޑިއާ ދެމެދު ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ ސިލްސިލާ އެހީތެރިކަމުގެ ތެރެއިން ސޮއިކުރި އެއްބަސްވުންތަކެކެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްޓަރނަލް އެފެއާޒު މިނިސްޓަރ އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުުރުފުުގެ ތެރެއިން ނ. މަނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުންތަކުތެރޭގައި ހިމެނެނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް(އެޗްއައިސީޑީޕީ) ސްކީމު ފުޅާކޮށް، އޭގެ ދެވަނަ ފިޔަވައްސެއް ތައާރަފްކުރުމުގެ އެއްބަސްވުމާއި، ގދ. ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަަރައްގީ ކުރުމާއި، ގައުމީ ޔިނިވަރސިޓީއާއި ކޮޗިން ޔުނިވަރސިޓީ އޮފް ސައިންސް (ސީޔޫއެސްއޭޓީ) އެކު ވެވުނު އެއްބަސްވުމެވެ.

އިންޑިއާއަކީ ރާއްޖެއަށް އެކިގޮތް ގޮތުން އެހީތެެރިވަމުން ގެންދާ ޒާމާންވީ ރަހުމަތްތެރި ގައުމެކެވެ. މީގެ ކުރީން ވެސް އެގައުމުން ވަނީ ރާއްޖެއަށް ތަފާތު ދާއިރާތަކުން އެހީދެއްވައިިފައެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް އިންޑިއާއާއި ރާއްޖެއާ ދެމެދު 18 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ މިއަދުއެވެ.

އެމަނިކުފާނަށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅު ކައުންސިލް ރައީސް އާއި ނ. މާފަރު ކައުންސިލްގެ މެންބަރުންނެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހިންގާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ގާއިމް ކުރެވިފައިވާ ށ.ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވުމާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ހއ.އުތީމަށް ވަޑައިގަންނަވައި، އުތީމު ގަނޑުވަރަށް ވެސް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.