ޖަނަވަރީ 28 ވަނަދުވަހު ބާއްވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ކެމްޕޭނަށް ނުކުމެ ވަޑައިގެންފިއެވެ. ރައީސް ނަޝީދު އަރިހުގައި އަމްރު މިހާރުވަނީ ހުވަދުއަތޮޅަށް ފުރާވަޑައިގެންފައެވެ.

މީގެ ކުރިން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ވެރީންވެސް ތިއްބެވީ އެމަނިކުފާނާއެކު ކަމަށެވެ. އެހެންނަމަވެސް އެރޭ އަމަނިކުފާނު ފާހަގަ ކުރެއްވީ ދެ ކުންފުންޏެއްގެ ނަމެވެ. އެ ދެކުންފުނީގެ ތެރޭގައި އެސްޓީއޯއެއް ނުހިމެނެއެވެ.

އަމްރަކީ ފެށުނީއްސުރެން އެމްޑީޕީގައި މަސައްކަތް ކުރައްވާ ވަރުގަދަ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާ ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމުވެސް ފުރުއްވައިފައެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުންގެ ތާއިދު އޮތީ ރައީސް ސާލިހަށެވެ.