އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދެދުވަަހުގެ ރަސްމީ ދަތުރުފުޅަށް ފަހު މިއަދު ރާއްޖެއިން ފުރާ ވަޑައިގެންފިއެވެ. އެމަނިކުފާނު ފުރާވަޑައިގެންނެވީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހިންގާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެއިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ޤާއިމް ކުރެވިފައިވާ ށ.ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވައިފައިފައެވެ. އޭގެއިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދުއާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެެވެ. ހއ.އުތީމަށް ވަޑައިގަންނަވައި، އުތީމު ގަނޑުވަރަށް އިޙުތިރާމުގެ ޒިޔާރަތެއް ވެސް މިނިސްޓަރ ކުރެއްވިއެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ހައިޞިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންފައިވަނީ 2022 ވަނަ އަހަރުގެ މާރޗް މަހު އައްޑޫ ސިޓީއަށެވެ.