މާލޭ ސިޓީ ކައުންސިލާ މަޝްވަރާނުކޮށް ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ސަރުކާރަށް ޤާނޫނީ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ވިލިމާލެއަށް ބަހުގެ ޚިދުމަތްދޭން އެމްޓީސީސީން ފަށަނީ ލާމަރުކަޒީ ނިޒާމާއި، ކައުންސިލްތައް އެއްފަރާތް ކުރުމަށްފަހު ކަމަށެވެ. އަދި އެކަން ކުރަނީ މާލެ ސިޓީ ކައުންސިލާ އެއްގޮތަކަށްވެސް މަޝްވަރާ ކުރުމެއްނެތި، ކައުންސިލްގެ ރުހުމާއި ޤަބޫލެއްނެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކައުންސިލުގެ ރުހުމެއްނެތި އެމްޓީސީސީ އަށްވެސް އަދި އެހެން ބަޔަކަށްވެސް ވިލިމާލެއަށް އެއްވެސް އެއްޗެއް ނޭރުވޭނެ ކަމަށާއި، އެއީ ޤާނޫނީގޮތުން އެބޭފުޅުންނަށް ހައިސިއްޔަތު ލިބިގެންވާ ކަމެއްނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނިގެން މިދިޔައީ ލާމަރުކަޒީ ނިޒާމު ފުނޑި ހަލާކުވެގެންދާގޮތަށް ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ދައުރު ފުޅާވެގެންދާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން އަނެއްކާވެސް ދަންނަވަންޖެހެނީ މިކަމާ ހިތާމަ ކުރާ ވާހަކަ. މިބާވަތަށް މިގޮތަށް މިޒާތަށް ސަރުކާރުން ޢަމަލުކުރުން ހުއްޓާލުމަށް އަޅުގަނޑުމެން މިދަންނަވަނީ،' އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ސީދާ ވޯޓުން ލޯކަލް ކައުންސިލްތައް ހޮވާ އެ ކައުންސިލްތަކަށް ވަނީ ލޯކަލް ފެންވަރުގައި މުނިސިޕަލް ޚިދުމަތްތައް ހިންގުމުގެ އިޚްތިޔާރާއި ބާރުދީފައި ކަމަށް ކަމަށާއި، އެހެންނަމަވެސް މިހާރު ފެންނަނީ އެބާރު ކައުންސިލްތަކުގެ އަތުން ނިގުޅައިގަނެގެން ރައްޔިތުންނާ އެއްވެސް ގުޅުމެއްނެތް ސަރުކާރު ހިއްސާވާ ކުންފުނިތަކެއް މީގެތެރެއަށް ވަދެގެން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ކައުންސިލަކީ ރައްޔިތުންނަށް ވައުދުތަކެއް ވެގެން އިންތިޚާބު ވެފައިވާތަނަކަށްވެފައި ކައުންސިލުން ކޮންމެ ފިޔަވަޅެއްއަޅަނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށްވާއިރު، މިކަމުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ މާލެ ސިޓީގެ އަވަށެއްގައި ދެމުންދާ ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތެއް ރައްޔިތުންނާ ވާހަކަ ދައްކައިގެން ވަކިގޮތަކަށް ދޭން ކައުންސިލުން ނިންމާފަ އޮއްވާ ކުއްލިއަކަށް ސަރުކާރުން ބަހުގެ ޚިދުމަތްދޭން ނިންމިއިރު، އެތަނަށް ބަސްތަކެއް އަރުވާކަށް ވިލިމާލޭގެ ރައްޔިތުން އެއްގޮތަކަށްވެސް ނޭދޭ ކަމަށެވެ. އަދި ކައުންސިލުން މިކަންކުރަނީ ވިލިމާލޭގެ ރައްޔިތުންނާއި ވާހަކަ ދެކެވި ވެވިފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތީން ކަމުގައި ސައިފް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުން އަންނަ ފެބްރުއަރީ މަހު ކުރީކޮޅު ފެށުމަށް ނިންމާފައިވަނިކޮށް ކައުންސިލާއި މަޝްވަރާ ކުރުމެއްނެތި ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދިނުމަށް ނިންމުމުން މޭޔަރާއި ކައުންސިލަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަން ވަނީ އެލްޖީއޭ އާއި ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.