ޑިސެންބަރު 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 245 މައްސަލަ ރިޕޯޓުކޮށްފިއެވެ. އޭގެތެރެއިން މިފަހަރުވެސް އެންމެ ގިނައީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ޑިސެމްބަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. މީގެ ތެރޭގައި ގިނައީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން އެ ބާވަތުގެ 30 މައްސަލައެއް ވަނީ ޑިސެންބަރު 2022 ގައި ހުށަހެޅިފައެވެ. އޭގެ އިތުރުން އިހުމާލުވުމުގެ 29 މައްސަލައާއި، ޖިންސީ ހާނިކައިގެ 19 މައްސަލަ، ޖިސްމާނީ ހާނިކައިގެ 13 މައްސަލަ، ނަފްސާނީ ހާނިކައިގެ 12 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް ކުރުން) 1 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގާނާ ލިބުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 54 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ. އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 26 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 17 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 4 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، ހިފެހެއްޓުމުގެ އަމަލެއް ހިންގުމުގެ 1 މައްސަލަ، މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އަމަލުގެ 1 މައްސަލަ އަދި އިހުމާލުގެ 1 މައްސަލަ ޑިސެންބަރު މަހު މިނިސްޓްރީ އަށް ހުށަހެޅިފައެވެ.

މީގެ އިތުރުން ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލައެއް ޑިސެންބަރު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 11 މައްސަލައެއްވެސް ވަނީ ޑިސެންބަރު މަހު ހުށަހެޅި ބަލައިފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 20 މައްސަލަ އެއްވެސް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން އިޖުތިމާއީ އެހީތެރިކަން ފޯރުކޯށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 3 މައްސަލައަކާއި ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 17 މައްސަލައަކާއި، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ކުދިން ސްކޫލަށް ނުފޮނުވުމުގެ 5 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން ކުށުގެވެއްޓަށް ހުށަހެޅިދާނެ އަމަލުތަކުގެ މައްސަލަތަކުގެ ތެރެއިން 1 މައްސަލަ ހުށަހަޅާފައިވެއެވެ.

ޑިސެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 187 އެވެ. ޑިސެންބަރު މަހުގައި ދައުލަތަށް އަލަށް 2 ކުއްޖެއް ނެގިފައިވެއެވެ. އަދި 4 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި އަދި 18 އަހަރު ފުރުމާއި ގުޅިގެން 2 ކުއްޖަކަށް ވަޒީފާ ހޯދަދެވިފައިވާ ކަމަށް ވެސް ޖެންޑަރއިން ވިދާޅުވިއެވެ.