އޭއެފްސީ އޭޝިޔަން ކަޕް 2000 ވަނަ އަހަރު ޖަޕާނަށް ކާމިޔާބު ކޮށްދިން ފްރާންސްގެ ތަޖުރިބާކާރު ކޯޗް ފިލިއްޕެ ޓްރޫޝިޔާ، ވިއެޓްނާމް ސީނިއަރ ގައުމީ ޓީމާ ހަވާލުމަށް އެއްބަސްވެއްޖެ ކަމަށް ވިއެޓްނާމުގެ ނޫސްތަކުން ބުނެފިއެވެ.

ކުރިން ނައިޖީރިއާ އާއި އައިވަރީކޯސްޓާއި މޮރޮކޯ އަދި ގަތަރުގެ ސީނިއަރ ގައުމީ ޓީމަށްވެސް އިރުޝާދު ދީފައިވާ ޓްރޫޝިޔާ، ވިއެޓްނާމް ކޯޗަކަށް ހަމަޖެއްސުމަށް ވިއެޓްނާމް ފުޓްބޯޅަ ފެޑެރޭޝަނުން މަސައްކަތް ފެށީ، މިހާރު ކޯޗްކަށް ހުރި ސައުތު ކޮރެއާގެ ޕާކް ހެންގ ސިއޯގެ ކޮންޓްރެކްޓް މިމަހުގެ 31 ވަނަ ދުވަހު ނިޔަލަށް ހަމަވާން ކައިރިވެފައިވާތީއެވެ.

ޓްރޫޝިޔާއަކީ ވިއެޓްނާމް ފުޓްބޯޅައިގެ ތަޖުރިބާ ހުރި ފަރާތަކެވެ. ވިއެޓްނާމުން ޓްރޫޝިޔާގެ ބޭނުން ފުރަތަމަ ހިފީ 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޑައިރެކްޓަރެއްގެ ގޮތުގައެވެ. ހަމައެހަރު ވިއެޓްނާމް ފުޓްބޯޅަ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އޭނާ ހަމަޖެއްސިއެވެ. އެއަށްފަހު 2019 ވަނަ އަހަރު ވިއެޓްނާމުގެ 19 އަހަރުން ދަށުގެ ޓީމު ޓްރޫޝިޔާއާ ހަވާލް ކުރިއެވެ.

އޭނާގެ އިރުޝާދުގެ ދަށުން ވިއެޓްނާމުގެ 19 އަހަރުން ދަށުގެ ޓީމު، 2020 ވަނަ އަހަރު އަހަރުގެ އޭޝިޔަން ކަޕަށް ކޮލިފައި ކޮށްދިނެވެ. އެކަމަކު ކޮވިޑުގެ ސަބަބުން މުބާރާތް ކެންސަލް ކުރަން ޖެހުނީއެވެ. އަދި ވިއެޓްނާމުގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ޓްރޫޝިޔާ ހެދި އެގްރިމެންޓް 2021 ވަނަ އަހަރު ހަމަވުމުން ފުޓްބޯޅައިގެ މަސައްކަތްތަކުން އޭނާ އެއްފަރާތް ވެލީއެވެ.

ވިއެޓްނާމަކީ މިވަގުތު އޭޝިޔާގެ ފުޓްބޯޅައިގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްގައުމެވެ. އޭޝިޔާގެ އެންމެ ވަރުގަދަ 8 ގައުމު ތެރޭގައި ހިމެނިގެން އެންމެފަހުގެ ވަރލްޑް ކަޕް ކޮލިފައިންގެ އޭޝިޔާގެ ފައިނަލް ބުރުގައި ވިއެޓްނާމް ވާދަކުރިކަން ފާހަގަ ކޮށްލެވެއެވެ.