ސައުދީ އަރަބިއްޔާގެ ރިޔާދް ސީޒަން ކަޕުގައި، ފްރާންސްގެ ޕީއެސްޖީ ކޮޅަށް ރޭ ދެލަނޑު ޖަހައި ދަނޑުމަތީގައި "މުސްކުޅި" ނުވާކަން ކްރިސްޓިއާނޯ ރޮނާލްޑޯ ސާބިތު ކޮށްދީފިއެވެ.

ޔޫރަޕުގެ ބޮޑު އެއްވެސް ކްލަބެއްގެ ޝައުގުވެރިކަން ނުލިބުމުން ޔޫރަޕް ލީގްތައް ދޫކޮށް ސައުދީގެ އަލް ނަސްރަށް ދުނިޔޭގެ ރެކޯޑް މުސާރައަކަށް މިދިޔަ ޑިސެމްބަރު މަހު ބަދަލުވި ރޮނާލްޑޯ،37، ގެ ދެލަނޑު ފެނިގެންދިޔައީ މެޗުގެ 34 ވަނަ މިނެޓާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މީގެ ތެރެއިން ފުރަތަމަ ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ރޮނާލްޑޯއެވެ.

ސައުދީ އަރަބިއްޔާގެ ކިންގ ފަހްދު ސްޓޭޑިއަމްގައި ކުޅުނު މިމެޗަކީ އަލް ނަސްރަށް ބަދަލުވުމަށްފަހު ސައުދީގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗެވެ. މެޗް ފެށުމުގެ ކުރިންވެސް މީޑިޔާގެ ސަމާލުކަން ހުއްޓިފައި އޮތީ ރޮނާލްޑޯގެ އިތުރުން ޕީއެސްޖީގެ އާޖެންޓީނާގެ ތަރި ލިިއޮނަލް މެސީއަށެވެ. ސައުދީގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ ފައިގައި ބޯޅައެއް ޖެހުމުގެ ކުރިން މެޗުގެ 3 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް ލީޑް ނަގައި ދީފައެވެ.

މިމެޗުގައި ސައުދީގެ އޯލް ސްޓަރ ޓީމަށް ރޮނާލްޑޯގެ އިތުރުން ދެން ލަނޑު ޖަހައިދިނީ ދެކުނު ކޮރެއާ ގައުމީ ޓީމުގެ ޑިފެންޑަރު ޔާންގ ހިޔުންގ ސޫ އާއި ބްރެޒިލްގެ ހުނަރުވެރި ވިންގަރ ޓަލިސްކާއެވެ. ދުނިޔޭގެ ގިނަ ތަރިންތަކެއް ކުޅެމުން އަންނަ ޕީއެސްޖީއަށް މެސީގެ އިތުރުން ލަނޑު ޖަހައި ދިނީ މާކީންހޯ އާއި ސާޖިއޮ ރާމޯސް އާއި ކިލިއަން އެމްބައްޕޭ އާއި ހޫގޯ އެކިޓިކޭ އަދި ހުވާން ބާނަތެވެ.