ސަރުކާރުން ޕްރޮމޯޓްކުރި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުރަސް އަޅައިފި ކަމަށާއި އެއީ ބަލައިގަނެވޭނެ ކަންކަމެއްނޫން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ހުއްދައާއެކު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ޚިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ކައުންސިލާއި މަޝްވަރާކުރުމެއްނެތި ސަރުކާރުން ބަސް ޚިދުމަތް ފަށަން ނިންމި ނިންމުމާ ދެކޮޅަށް ކައުންސިލްގެ 85 ވަނަ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަރީޝް ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވަން ސަރުކާރުން ގެންނަނީ އިލެކްޓްރިކް ބަސް ކަމަށް ބުނެ ފުރަތަމަގެނައީ ޑީސަލް ބަސްތަކެއް ކަމަށާއި، އެއަށްފަހު، ޓްރާންސްޕޯޓް މިނިސްޓްރީއިން މައްސަލަ ޖެއްސުމުން އިލެކްޓްރިކް ބަސްކޮޅެއް ގެނެސް އެމްޑީޕީގެ ޕްރައިމަރީ އާއި ދިމާކޮށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހް އެ ބަސްތައް ވިލިމާލެއަށް ގެންދިޔައީ ކަމަށެވެ.

ކުއްލިއަކަށް ވިލިމާލޭގައި ބަހުގެ ޚިދުމަތްދޭން ނިންމި އިރު ކައުންސިލާ އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ކައުންސިލުން ބަގީގެ ޚިދުމަތާއި ގުޅިގެން ކުރި މަސައްކަތަކީ ސަރުކާރަށް ސާފުވާނެ ކަމެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ބަހުގެ ޚިދުމަތް ސަރުކާރުން ވިލިމާލޭގައި ދޭން ނިންމިއިރު މާލެ ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ސަރުކާރާ ގުޅިގެން ކޮށްފައިވާކަންވެސް ސަރުކާރަށް އެނގިވަޑައިގަންނަވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ ވިލިމާލެ ކަހަލަ ހިތްފަސޭހަ ތަނަކަށް ބޮޑެތި ބަސްތަކެއް އަރުވައިގެން ރައްޔިތުންނަށް ޖެހޭނީ ތަކުލީފުތަކެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އެދޭ ހުރިހާ ކަމެއްގައި މާލެ ސިޓީ ކައުންސިލުން ވާނީ ފުރިހަމަޔަށް އެއްބާރުލުންދީފައި ކަމަށާއި، އެހެންކަމުން ކައުންސިލުން ސަރުކާރުގެ ހުއްދައާއި، ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއިއެކު، އެތަނުގައި ޚިދުމަތެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ޚިދުމަތް ދޭންވާނީ މާލެ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.