ރައީސް ޔާމީން އޯކޭއެއް ނޫން ކަމަށާއި އެމަނިކުފާނާއެކު ކުރައްވާނޭ ސިޔާސީ މަސައްކަތެއް ނޯންނާނޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސްލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އަނިޔާކުރުމުގެ ފަަހަތުގައި ތިއްބެވި ސިޔާސީ އެއްވެސް ބޭފުޅަކާއެކު މަސައްކަތް ނުކުރައްވާނޭ ކަމަށެވެ. ރައީސް ޔާމީނަކީ އޭގެތެރެއިން ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ރައްޔިތުންނަށް ގޮތްނިންމަން ލިބޭ ފުރުސަތެއް ކަމަށެވެ. މިހާރު މިދާގޮތަށް ކުރިއަށްދާނީތޯ ނުވަތަ ފަހަތަށްދާނީތޯ ވެސް ނިންމުމުގެ ބާރު މިހާރުއޮތީ ރައްޔޮޔުންގެ އިޚްތިޔާރުގައި ކަަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފާއިތުވި 4 އަހަރު އެމަނިކުފާނުގެ ސަރުކާރުން ވަނީ ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވައި ތަރައްގީގެ އެތައް މަސައްކަތެއް ކުރައްވާފައި ކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ވެސް އެ ތަރައްގީ ދެމެހެއްޓުމުގެ ބާރުވެސް މިހާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވެރިކަމުގެ މިހާތަނަށް ވަނީ ކުދި ރަށްރަށަށް ވެސް ވަަރަށްބޮޑު އިސްކަމެއް ދެއްވައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގައިފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ނަރުދަމާާއި، ފެނާއި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ވެސް ހިންގާފައިވެއެވެ. އޭގެ އިތުރުން އެތައް އެއާޕޯޓެއްގެ މަޝްރޫއު ވެސް ހިމެނެއެވެ.