ޓްރާންސްޕޯޓު މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، ޢަބްދުﷲ ފަޔާޒް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ފަޔާޒު އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ފަޔާޒު ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހެޅިފައިވާތީ އެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެންނެވެ.

ނަމަވެސް ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އޭނާ އަށް އަންގާފައެވެ.

ފަޔާޒު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާގެ އިސްތިއުފާގެ ސިޓީގައި ވަނީ މަގާމުގެ ޒިންމާ އަދާކުރާނެ މާހައުލެއް ޓްރާންސްޕޯޓު މިނިސްޓްރީގައި މިހާރު ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އައިޝަތު ނަހުލާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން މިއަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށްވެސް ފަޔާޒުގެ ސީއެސްސީ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ކަމަށް ވެސް، ސީއެސްސީއަށް ފަޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.