ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި އެމަނިކުފާނާއެކު ހުވަދުއަށް އަތޮޅަށް ވަޑައިގަންނަވާ ވާހަކަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެންނެވި ކަމަށް އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ސާލުހުގެ ވާހަދަވެރިޔާ ރައީސް މުހައްމަދު ނަޝީދަށް ކެމްޕޭން ކުރެއްވުމަށް އަމްރު ހުވަދުއަށް ވަޑައިގެންނެވި ވާހަކަ ގަދައަށް ދެކެވުމުންދާ ވަގުތެއްގައެވެ. އަމްރު ވިދާޅުވީ ރައީސް ނަޝީދާއެކު ވަޑައިގަންނަވާ ސަބަބުވެސް ރައީސް ސާލިހަށް ދެންނެވި ކަމަށެވެ.

"އަޅުގަޑު ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގަޑުދާ ވާހަކައާއި، ދާ ސަބަބާ އަދި ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން،" އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އަމްރު މިހެން ވިދާޅުވީ އަމްރު ނިސްބަތްވެ ވަޑައިގަންނަވާ ތިނަދުއަށް ރައީސް ސާލިހު ވަޑައިގެން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ، ރައީސް ވިދާޅުވީ ގއ، ކޫއްޑޫ ކޯލްޑްސްޓޭޓު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޓީއޯއާ ކަަމަށެވެ. އެ މަޝްރޫއުވެސް އެއްވެސް މައްސަލައެއް ދިމާނުވެ ނިންމަވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެއްވޭނޭ ގޮތަށް ކަންކަން ބަދަލު ވެސް ކުރައްވާނޭ ކަމަށެވެ.

އަމްރު ވިދާޅުވީ އެސްޓީއޯ އިން ކުރަމުން ގެންދަނީ ޤައުމީ މަސައްކަތެއް ކަމަށެވެ. "އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް. އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ،" ކަމަށް އަމްރު ވިދާޅުވިއެވެ.