ޗައިނާގެ މަސްވެރިން އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ. ބެލެސްޓިކް މިސައިލްއާއި ނިއުކްލިއަރ ޓެސްޓް ކުރުމުގެ މައްސަލާގައި އދން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އޭގެ ތެރޭގައި އުތުރު ކޮރެއާއެކު މަސްވެރިކަމުގައި ވިޔަފާރިކުރުންވެސް މަނާ ކޮށްފައި ވެއެވެ.
ގްލޯބަލް ފިޝިންގ ވޮޗްއިން ބުނެފައިވަނީ، މެއި މަހާއި ޖޫން މަހު އެކަނިވެސް އުތުރު ކޮރެއާގެ ކަނޑުން ޗައިނާގެ 600 މަސް ބޯޓެއް މަސްވެރިކަން ކުރަނިކޮށް ފެނިފައިވާ ކަމަށެވެ.
އުތުރު ކޮރެއާއަ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އުތުރު ކޮރެއާއެކު މަސްވެރިކަމުގެ ވިޔަފާރި ކުރުންވެސް މަނާކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
ގްލޯބަލް ފިޝިންގ ވޮޗްއިން ބުނާ ގޮތުގައި މައްސަލައަކީ ޗައިނާގެ މަސްވެރިންގެ މައްސަލަތައް ބެލުމާއި މަސްވެރިކަން މެނޭޖްކުރުމުގައި ސަރުކާރުން ދެފުށްފެންނަ ސިޔާސަތެއް ނުގެންގުޅޭ މައްސަލައެވެ.
ގްލޯބަލް ފިޝިންގ ވޮޗްއިން ބުނާ ގޮތުގައި ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކަނޑުތަކުން 23 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ސީފުޑް ވަގަށް ނަގައެވެ. އަދި ދުނިޔޭގެ ވިޔަފާރިއަށް ކުރާ މަސްވެރިކަމުގައި ތިން ބައިކުޅަ އެއްބަޔަކީ، ބޭނުންވާ ވަރަށް ވުރެން އިތުރަށް ކުރެވޭ މަސްވެރިކަމެވެ.
ޗައިނާއަކީ މާކަނޑުގައްޔާއި ދުރު ކަނޑުތަކުގައި ގިނަ އަދަދެއްގެ މަސްވެރި ފުޅަނދުތައް ގްރޫޕްހަދައިގެން މަހަށް ނިކުންނަ ގައުމެކެވެ.
ޗައިނާގެ މި ފުޅަނދުތަކުގެ ތެރޭން މަދު ނޫން އަދަދެއްގެ ފުޅަނދުތަކަކީ ގްލޯބަލް ފިޝިން ވޮޗްއިން ސިފަ ކުރާގޮތުގައި "ޑާކް ފްލީޓް" ތަކެކެވެ. މި ފުޅަނދުތަކަކީ، އެމީހުން މަސްވެރިކަން ކުރާ ސަރަހައްދުގެ ކޯސްޓްގާޑަށް ފިލައިގެން އުޅުމަށްޓަކައި އޭގެ އިލެކްޓްރޯނިކް އާލާތް ނިއްވާލައިގެން އުޅޭ އަނދިރި ފުޅަނދުތަކެވެ.
ޗައިނާއިން ގިނައިން މަސްވެރިކަން ކުރުމަކީ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގައި ބޮޑު މައްސަލައެކެވެ.
ޗައިނާގެ ފުޅަނދުތަކުން ބޯވަ ދިލަމަސް އިތުރަށް ހިފުމުގެ ސަބަބުން އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގައި އޭގެ އާބާދީ މަދުވެފައި ވެއެވެ. ޖުލައި މަހު ބެއިޖިންއިން ވަނީ ބޯވަދިލަމަސް އާލާވިޔަ ދިނުމަށްޓަކައި އޭގެ މަސްވެރިކަން ކުރުން ތިން މަހަށް ހުއްޓާލި ކަމަށް އަންގާފައެވެ.
ޗައިނާގެ މަސްވެރިން، އިކުއެޑޯގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ. އިކުއެޑޯރގެ ކޯސްޓްގާޑުން ޗައިނާގެ އެތައް ސަތޭކަ ބޯޓެއް އޮގަސްޓް މަހު ފައްސާލާފައި ވެއެވެ. އަރޖެންޓީނާއިން ވެސް ޗައިނާ ބޯޓުތައް ފައްސާލާފައި ވެއެވެ.
ޗައިނާގެ މަސްވެރި ބޯޓުތަކުން ގަލާޕަގޯސް އައިލެންޑްގެ ނާޒުކު ތިވެށި ހަލާކުވާ ގޮތަށް މަސްވެރިކަން ކުރާކަމުގެ ޝަކުވާ އެގައުމުން ކުރުމުން އިރުމަތީ ޕެސިފިކް އޭރިއާގައި ތިން މަހަށް މަސްވެރިކަން ހުއްޓާލުމަށް ޗައިނާއިން ވަނީ އަންގާފައެވެ.
ޗައިނާގެ މަސްވެރިންގެ ގެއްލުން ދެނިވި ސުލޫކާ ދެކޮޅަށް ޑާކް ފްލީޓް ރިޕޯޓްގައި ލިޔުމުން ޗައިނާ އެގްރިކަލްޗަރ މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
ބެއިޖިންގ އިން ބުނެފައިވަނީ އައްސޭރިފަށުގެ ގައުމުތަކާއި މަސްވެރިކަމާ ބެހޭ ބައިނަލްއަގްވާމީ ޖަމުއިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ބެއިޖިންގ ތައްޔާރަށް އޮތް ކަމުގައެވެ.
ޗައިނާއިން ފާސްކޮށްފައިވާ ގާނޫނުން މާކަނޑަށް ނިކުންނަ އުޅަނދުތަކުގައި އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް ހަރުކޮށްފައި ހުންނަން ޖެހެއެވެ.
ގަވާއިދާ ޚިލާފްވާ ބައެއް ކެޔޮޅުންގެ ލައިސަންސް ހިފެހެއްޓުމާއި ބައެއް އުޅަނދުތަކާއި އެ އުޅަނދުތަކުގެ ކުންފުނިތައް ބްލެކްލިސްޓް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައި ވެއެވެ.