ކޮވިޑް19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ސްރީލަންކާގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް މިދިޔަ ހަފްތާގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމުގެ ސަރުކާރަށް އަންގާފަ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދިފައި ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.

ސްރީލަންކާ ސަރުކާރުން ނިންމާފައި ވަނީ މުސްލިމުން ވެސް އިސްތިސްނާ ކުރުމެއް ނެތި ކޮވިޑުގައި މަރުވާ އެންމެން އަންދާލުމަށެވެ.

އެ މައްސަލައިގައި އެ ގައުމުގެ މުސްލިމުންނާ ސަރުކާރާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ލަންކާގެ ރައީސްގެ އެދިވަޑައިގަތުން ތަންފީޒު ކުރެވޭތޯ ބެލުމަށް ރައީސް ސޯލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން އަންނަ ކަމަށެވެ.