ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ގެނައުމާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފި އެވެ.

ރައީސް މމައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ.

"އެކަމަކު ކޮވިޑް ޖެހިގެން މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ އަޅުގަނޑަށް ތާއީދުކުރެވޭ ކަމެއް ނޫން،" ރައީސް އޮފީސް ޓެގް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓްގައިވެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރާއްޖޭގައި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އެ މީހުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

"އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ." ފޮރިން މިނިސްޓްރިން ބުންޏެވެ.