އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ހުޅަނގުގެ ބޮޑެތި ބާރުތަކާއި، އީރާނާ ދެމެދު 2015 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމާމެދު އަލުން މަޝްވަރާ ކުރުމެއް ނެތްކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ހަމަ އެއާއެކު، އެއްބަސްވުމަށް އަލުން އެނބުރި އައުމަށް ކުރިމަތިކުރާ އެއްވެސް ޝަރުތެއްވެސް އީރާނުން ގަބޫލު ނުކުރާނޭ ކަމަށް އީރާނުގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އީރާނުގެ ރައީސް ވިދާޅުވީ، އީރާނުގެ މިސައިލް ޕްރޮގްރާމާއި އަދި ސަރަހައްދުގައި އީރާނުން ހިންގާ ހަރަކާތްތަކާ ގުޅޭގޮތުންވެސް އެއްވެސް ބަޔަކާ އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

އީރާނުގެ އެއްބަސްވުމުގައި ހިމެނޭ މިސައިލް ޕްރޮގްރާމާމެދު އަލުން މަޝްވަރާ ކުރަން ބޭނުންވާކަން އެމެރިކާއާއި، އީޔޫއިން މިފަހުންވަނީ ހާމަކޮށްފައެވެ.

އީރާނާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ސޮއިކޮށްފައިވާ "ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން – ޖޭސީޕީއޯއޭ" އިން 2018 ވަނަ އަހަރު އެމެރިކާވަނީ ވަކިވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މި އެއްބަސްވުމުން އެމެރިކާ ވަކިކުރީ، އެއްބަސްވުން ހަދާފައިވަނީ އެމެރިކާއަށް ގެއްލުންވާގޮތަށް ކަމަށް ވިދާޅުވެއެވެ.

ތެހެރާނުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، ކުރިއަށް ޝަރުތުތަކެއް ކުރިމަތިކޮށްގެން އަންނަ އެއްބެސް ބަޔަކާ އީރާނުން މަޝްވަރާ ނުކުރާނޭ ކަމަށެވެ. ޖޭސީޕީއޯއޭ އަދި އޭގެ ބަޔަކާމެދުވެސް އަލުން މަޝްވަރާ ކުރުމެއް ނެތްކަމަށް ރޫހާނީ ވިދާޅުވިއެވެ.

ޖޭސީޕީއޯއޭ މިހާރު އޮތްގޮތަށް އެންމެންވެސް ތަންފީޒު ކުރުމަށާއި، ނުކުރާނަމަ ނުކުރުމަށް އީރާނުގެ ރައީސް ގޮވާލެއްވިއެވެ. އެހެން ގައުމުތަކުން އެއްބަސްވުން ތަންފީޒު ކުރާނަމަ އީރާނުންވެސް ތަންފީޒު ކުރާނޭ ކަމަށް ވިދާޅުވިއެވެ.