ފާއިތުވި އަހަރަކީ އެސްޓީއޯގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމަށް އެކުންފުނީން ބުނެފިއެވެ. ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައިވެސް އެސްޓީއޯއަށް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރއެކޭ އެއްފަދައިން، އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި 4 ވަނަ ކުއާޓަރގައި އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 3 ވަނަ ކުއާޓަރގައި ލިބިފައިވަނީ 255 މިލިއަން ރުފިޔާއެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓަރގައި ލިބިފައިވާ ކަމަށް އެކުންފުނީން ބުނެފައިވެއެވެ. 3 ވަނަ ކުއާޓަރގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާއެވެ.
ކުއާޓަރގެ ހިސާބުތަކާއެކު، އެ ކުންފުނިންވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައްވެސް ހާމަކޮށްފައެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %79 ގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައްވެސް ކުރިއަރާ، އާމްދަނީ އިތުރުވެފައިވުން ކަމަށް އެކުންފުނީން ބުނެފައިވެެއެވެ.
ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ވަނީ ލިބިފައިވެއެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. މިއީ %41 ގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ރިޕޯޓުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ކުންފުނީގެ އޮޕަރޭޓިންގ ޕްރޮފިޓް ތާރީޚްގައިވެސް އިތުރުނުވާ މިންވަރަށް އިތުރުވުމެވެ. އެ ގޮތުން އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފައެވެ. 2021 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި ލިބިފައިވަނީ 643 މިލިއަން ރުފިޔާއެވެ.
މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެއެވެ. މިއީވެސް އައު ރެކޯޑެކެވެ. 2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާއެވެ. މިއީ %52 ގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމެވެ.